މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަންނަ އަހަރު 69 ޕަސެންޓް އިތުރުވާނެ ކަމަށް ދައްކައިފި އެވެ.
އެއީ ނިމިދިޔަ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމަށް ބަލާއިރު އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ 2020 ގެ ބަޖެޓްގައިވާ ހިސާބުތަކަށް ބަލާއިރުއެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުގައި 331.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
އަންނަ 2020 އަހަރަށް ހުށަހަޅައިގެން މަޖިލީހުގައި މިހާރު ބަހުސް ކުރަމުން އަންނަ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ސިޔާސީ މުވައްޒަފުންގެ ގޮތުގައި 785 މުވައްޒަފުން ސަރުކާރުގައި ތިއްބަވާނެ އެވެ. މިދިޔަ ސަރުކާރު ނިމުނު އިރު ސިޔާސީ މަގާމުތަކުގެ އަދަދަކީ 465 އެވެ. އެކަން ހާމަކޮށްދެއްވީ މިދިޔަ ޖުލައި މަހު ބޭއްވި ނިއުސްކޮންފަރެންސެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ބަޖެޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސިޔާސީ މަގާމުތައް އެންމެ ގިނަ ކަމަށް ދައްކާ ރައީސް އޮފީހުގައި 377 ސިޔާސީ މުވައްޒަފުން ހިމެނެއެވެ. އަދި 65 ކޮންޓްރެކްޓް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ ގޮތުގައި ތިބި 12 މުވައްޒަފުންނާ އެކު ރައީސް އޮފީހުގެ މުވައްޒަފުންގެ ޖުމުލަ އަދަދު 465 އަށް އަރައެވެ.
ދެވަނައަށް އެންމެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް ދައްކަނީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ދަށުން 109 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާކަމަށް ހިސާބުތަކުން ދައްކައެވެ. އަދި ފޮރިން މިނިސްޓްރީގައި 86 ސިޔާސީ މުވައްޒަފުން ހިމެނޭ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.
ބަޖެޓުގައިވާ ގޮތުން ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވެންޓުންނާއި ޔުނީފޯމް ބޮޑީތަކުގެ މުވައްޒަފުންނާ އެކު 2020 ވަނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 8.7 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ. ސަރުކާރު ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ ޖުމުލަ އަދަދަކީ 45،835 އެވެ.