ކުއްލި ޚަބަރު

ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި މިނިސްޓަރު މާރިޔާގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

މަރިޔަމް ޝަހުދާ

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތުހުމަތުކޮށް އެމައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލޯޔަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލަަތައް މިއަދު 1:50ގައި އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހަޅާފައިވާ ރައީސް ސޯލިހު އަދި ރައީސް ނަޝީދުގެ މައްސަލައަކީ އަމިއްލަ ދަތުރުފުޅަކަށް ދައުލަތުގެ ފައިސާ ހޭދަކުރުން ކަމަށް އިދިކޮޅު ލޯޔަރުން ވިދާޅުވިއެވެ. އަދި މިނިސްޓަރު މާރިޔާގެ މައްސަލައަކީ ރަސްމީ ދަތުރުފުޅެއް ނޫން ކަމަށް ވިދާޅުވެ ކުރެއްވި ދަތުރުފުޅެއްގައި ރަސްމީ ހައިސިއްޔަތުން ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރާއި ބައްދަލު ކުރެއްވި އިރު އެ ބައްދަލުވުމުގައި އެކަމަނާގެ ދަރިފުޅު ބައިވެރިކުރުވުން ކަމަށް އިދިކޮޅުގެ ލޯޔަރުން ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހެޅި ރައީސް ސޯލިހުގެ ކޮރަޕްޝަން މައްސަލައަކީ އެމަނިކުފާނު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އޭޕްރީލް މަހާއި ހަމައަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކަށް ރިޔާސީ ލޯންޗުކޮޅު ބޭނުންކުރެއްވި މައްސަލައެއް ކަމަށް އިދިކޮޅު ލޯޔަރުން މައުލޫމާތު ދިނެވެ. އިދިކޮޅު ލޯޔަރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް އެމަނިކުފާނުގެ ދައުރުގައި އެމަނިކުފާނުގެ އަމިއްލަ ދަތުރުފުޅުތައް ކުރެއްވީ އަމިއްލަ ޓްރާންސްޕޯޓުންކަން ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހުގެ މި އަމަލަކީ ކޮރަޕްޝަނާއި ބެހޭ ގާނޫނުގެ 12 އަދި 14 ވަނަ މާއްދާއާއި ހިލާފުކަމެއް ކަމަށާއި ދައުލަތުގެ އެއްވެސް ވަސީލަތެއް، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ނަމަވެސް ބޭނުމެއް ނުކުރެވޭނެ ކަމަށް ގާނޫނުގައި ވާއިރު، އަމިއްލަފުޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކެއްގައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އިދިކޮޅު ލޯޔަރުން ބުނެއެވެ.

ރައީސް ނަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމަނިކުފާނު އެންމެ ފަހުން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެއްވުމުގެ އިތުރުން، މަޖިލީހުގެ މީޑިއާ ވަސީލަތްތައް ބޭނުންކުރައްވައިގެން ކެމްޕެއިން ކުރެއްވުމުގެ މައްސަލަ އެވެ. އެ ދަތުރުފުޅަކީ ރައީސް ނަޝީދުގެ އަމިއްލަފުޅު ދަތުރުފުޅެއްކަމަށް އިދިކޮޅު ލޯޔަރުން ފާހަގަ ކުރެ އެވެ. ނަަމަވެސް މަޖިލީހުގެ ރަސްމީ ޓުވިޓާ އެކައުންޓުން އެދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މިދަތުރުފުޅަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ލޯޔަރުން ސިފަ ކުރައްވައެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ ރަސްމީ ދަތުރުފުޅަކަށް ވާނީ މަޖިލީހުގެ އިދާރާގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަން ޖެހޭ ކަމެއް ކުރެއްވުމުގައި، ނުވަތަ އެފަދަ އިދާރާއަކުން ދެއްވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނުވަތަ އެފަދަ ދައުވަތެއްގެ މައްޗަށް ބިނާކޮށް ނޫނިއްޔާ އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށް އިދިކޮޅު ލޯޔަރުން ބުނެއެވެ. އަދި ރައީސް ނަޝީދު ހުވަދޫއަށް ކުރެއްވި ދަތުރުފުޅަކީ މިއިން އެއްވެސް ކަމަކާއި ގުޅިގެން ކުރެއްވި ދަތުރެއް ނޫން ކަމަށާއި، މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ނޫންކަމަށް އެމްޑީޕީ ޓުވިޓާ އެކައުންޓު ތަކުންވެސް ބުނެފައިވާ ކަމަށް އިދިކޮޅު ލޯޔަރުންގެ ޓީމުން ފާހަގަ ކުރެއްވިއެވެ.

ނުރަސްމީ ދަތުރުފުޅެއް ކަމަށް ބުނެ ޑިފެންސް މިނިސްޓަރު މާރިޔާ ޔޫއޭއީ އަށް ކުރެއްވި ދަތުރެއްގައި، އެތަނުގެ އިންޓީރިއާ މިނިސްޓަރާއި ބައްދަލު ކުރެއްވިއިރު އެ ބައްދަލުވުމުގައި އެކަމަނާގެ ދަރިކަލުން ބައިވެރިކުރުވި މައްސަލައަކީ ރާއްޖޭގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ލޯޔަރުން ފާހަގަ ކުރެއްވިއެވެ. އެއީ އެކަމަނާ އަމިއްލަފުޅު ދަތުރެއްގައި ނަމަވެސް ރަސްމީ ބޭފުޅަކާ ބައްދަލު ކުރައްވާ ނަމަ ބައްދަލު ކުރައްވާނީ ރަސްމީ ހައިސިއްޔަތުން ކަމަށް ވުމުގެ އިތުރުން، މިފަދަ ބައްދަލުވުމުގައި ރާއްޖޭގެ ސަލާމަތާއި ގުޅޭގޮތުން ނުވަތަ ދެގައުމު ދެމެދުގެ ވާހަކަތައް މަޝްވަރާ ކުރައްވާއިރު އާންމު ބޭފުޅޭއް ނުވަތަ އާއިލާ ބޭފުޅެއްވެސް ބައިވެރި ނުކުރެވޭނެތީ ކަމަށް އިދިކޮޅު ލޯޔަރުން ވިދާޅުވިއެވެ.

މިއީ ރައީސް އޮފީހުގައި އޮންނަ، ސިޔާސީ ބޭފުޅުން ބައްދަލު ކުރައްވާއިރު ގެންގުޅުއްވާ އާންމު އުސޫލާއިވެސް ހިލާފު ކަމެއް ކަމަށާއި މިނިސްޓަރު މާރިޔާގެ މިދަތުރުގައި މަގާމުގެ ނުފޫޒާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރެއްވި ދަތުރެއް ކަމަށް އިދިކޮޅު ލޯޔަރުން ވިދާޅުވިއެވެ. އަދި މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއް ކަމަށާއި މިއަދު މި މައްސަލަވެސް އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ އިސް ފަރާތްތަކުގެ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް، ހެއްކާއި، މައްސަލައިގެ ތަފުސީލާއެކު ހުށަހަޅާފައިވާނެ ކަމަށް އިދިކޮޅު ލޯޔަރުންގެ ޓީމުން ވިދާޅުވިއެވެ. ނަމަވެސް ދެން އިތުރަށް ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު މައުލޫމާތެއް ނުދެއެވެ.