މިނިސްޓަރު އަލީ ވަހީދު

ފަތުރުވެރިން ގެނައުމަށް ކަނޑައެޅި ޓާގެޓު ހާސިލްވެއްޖެ، 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުން އެކަށީގެންވޭ

މަރިޔަމް ޝަހުދާ

މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަނޑައެޅި ޓާގެޓު ހާސިލުވެއްޖެ ކަމަށާއި، އެޓާގެޓު ފަހަނައަޅައި މިއަހަރުތެރޭ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުން އެކަށީގެންވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސްޕެއިނަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވައިލެއްވުމަށް ފަހު މިއަދު ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިން ކަމަށެވެ. އަދި މިހާރު އެ އަމާޒު ހަސިލުވެފައިވާ ކަމަށާއި، ސަރުކާރުގެ ފުރަތަމަ އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އާ ސަރުކާރާއެކު، ރާއްޖެއަށް އައި ސުލްހަވެރިކަމާއި، މިނިސްޓްރީގެ އިތުރުން، އެމްއެމްޕީއާރުސީ، މަސީ އަދި ދާއިރާގެ އެކި ބޭފުޅުން އެކުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު އަހަރެއް ކަމަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިކަމަށް މަސައްކަތް ކުރެއްވި އެންމެހާ ބޭފުޅުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.

''މިހާރު ފޯކާސްޓްތައް ދައްކާގޮތުން މިއަދަދު އިތުރު 1 ލައްކައާއިއެކު 1.6 މިލިއަނަށް އަހަރު ނިމުމުގެ ކުރިން ދިއުމަކީ އެކަށީގެންވާކަމެއް. އެހެންވެއްޖިއްޔާ އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުން ލަފާކުރި ހުރިހާ ފިގާސްއެއް ހަމަ ޑަަބަލް ވެގެން އެދަނީ. އެއީ މިދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި. އޭގެ އެއް ލައްކަ އިތުރަށް ލައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ. އެހެން ނަމަވެސް އިތުރު ދެ ލައްކަ ރާއްޖެއަށް ޒިޔާރަތް ކުރެވޭ ވަރަށް މަސައްކަތް ކުރެވިފަ އޮތް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި ކުރެވުނު ވަރަށް މުހިއްމު، ވަރަށް ބުރަ ކާމިޔާބު މަސައްކަތެއް'' މިނިސްޓާރު ވިދާޅުވިއެވެ.

ރާއްޖެއަށް މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލު ވާނެކަމަށް ވެސް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތާގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަށްވުރެ އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން މިއަހަރު ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އިންޑަސްޓްރީގެ އެކި ފަރާތްތަކުން މިކުރި މަސައްކަތުގެ ނަތީޖާ ހަގީގަތުގައި ފެންނާނީ އަންނަ އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސްޕެއިންގައި މިނިސްޓްރީން ފެށި މަސައްކަތުގެ ''އިމްޕެކްޓް'' ދެއަހަރުތެރޭ ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

2008 ވަނަ އަހަރަށް ފަހު ރާއްޖެގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަން ދިވެހިންނަށް އެނގުނު ނަމަވެސް ބޭރުގެ އެކި ގައުމުތަކުގެ މީހުންނަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ. ރާއްޖެ އިސްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުން މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އޮތް ގޮތް ގިނަބަޔަކަށް އެނގިގެންދާނެ ކަމަށާއި، ރާއްޖެއަކީ އެކި ފަންތީގެ މީހުންނަށް ޗުއްޓީ ހޭދަކޮށްލެވޭނެ ފަދަ ތަނެއްކަން އެނގިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.