ކުއްލި ޚަބަރު

ކްރިމިނަލް ކޯޓާއި ހަވާލުވެވަޑައިގެން ހުންނެވި ގާޒީ ދިރިއުޅުއްވާ ފްލެޓަށް ގެއްލުންދީފި، ފެންނަން އޮތީ ބޮޑު ކޯރާޑިއެއް!

މަރިޔަމް ޝަހުދާ

ކްރިމިނަލް ކޯޓާ ވަގުތީ ގޮތުން، ހަވާލުވެވަޑައިގެން ހުންނެވި ގާޒީ، އަލް އުސްތާޒް އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓަށް ގެއްލުންދީފި އެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދިން ގޮތުގައި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓުގެ ބޭރުދޮރަށް ގެއްލުން ދީފައި ހުރެެގެން ފުލުންނަށް އެކަން ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5:30 ހާއިރުއެވެ. ދޮރަށް ގެއްލުންދޭން ބޭނުންކުރި ހަތިޔާރުކަމަށް ބެލެވޭ ކޯރާޑިއެއް ދޮރު ކައިރިން ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ގޭގެ ދޮރުގައި ލިޔެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް ދޮރުގައި ލިޔެފައިވާ އެއްޗެސް ފުލުހުން ނުބުނެ އެވެ. އަދި ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯއިން އެލިޔުން ކިޔާކަށް ނޭނގެ އެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް އަޅައި، މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަަމަށް ފުލުހުން ބުނެއެވެ.

ގާޒީ އަލީ ރަޝީދުގެ ފްލެޓަށް ގެއްލުން ދީފައިވާ އިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށް، އެ ކޯޓު ވަގުތީ ގޮތުން ހިންގުން އަލީ ރަޝީދާ ހަވާލުކުރީ މިދިޔަ ހަފުތާގަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ރައީސް ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރްސީއާ ގުޅޭ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައި އޮތް ދުވަހު އެވެ. އެކަމާ ގުޅިގެން އެ ދުވަހު ބާއްވަން އޮތް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ވަނީ ކެންސަލް ކޮށްފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް އަލުން ތާވަލުކޮށް، މިހާރު ވަނީ ޗިޓު ފޮނުއްވާފަ އެވެ. ޗިޓުގައި ސޮއިކުރައްވާފައި ވަނީ ގާޒީ އަލީ ރަޝީދު އެވެ. އާންމު އުސޫލެއްގެ ގޮތުން ޗިޓުގައި ސޮއިކުރައްވަނީ މައްސަލަ ބައްލަވާ ގާޒީ އެވެ.

ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމާ ގުޅިގެންނެވެ. ހައިލަމް ސްކޫލީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ބަލަނީ، ނަސްރުގެ ދުވަހުގެ މުނާސަބާގައި މަރުހަބާ ވިދާޅުވުމަށް އޭނާ ފޮނުއްވި މެސެޖަކާ ގުޅިގެނެވެ. އެ މެސެޖުގެ ފޮޓޮއިން ފެންނަނީ ބަޔެއްގެ ކަރުގައި ވާ ޖަަހައިގެން، ދަމާފައި ގެންދާ މަންޒަރެވެ. ވާ ދަމާފައި ގެންދަނީ ނަސްރުގެ ދުވަހުގެ ބަތޮލު ޝަހީދު ހުސެއިން އާދަމް އެވެ. ޗޭނު ޖަހާފައިވާ މީހުންގެ ތެރޭގައި، މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.