ދައުލަތުގެ ބަޖެޓު

މެންބަރަކަށް 15 މިނެޓު ދޭން ނިންމައި މިއަދު 5:00 އަށް ބަޖެޓް ޖަލްސާ ކުރިއަށްގެންދަން ނިންމައިފި

އިބްރާހިމް ޒަކީ

ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތު ދޭން ނިންމައި، މިއަދު ހަވީރު 5:00 އަށް ބަޖެޓް ޖަލްސާ ކުރިއަށް ގެންދަން ނިންމައި ބަޖެޓުގެ ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސަށް ފުރުސަތު ހުޅުވައި ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓް ބަހުސް ކުރިއަށް ގެންދަވާނީ އެހެން ބަހުސް ތަކާ ހިލާފަށް ކޮންމެ މެންބަރަކަށް ޖަލްސާގެ ރިޔާސަތުނުް ފުރުސަތު ދެއްވައިގެން ކަމަށެވެ.

އަދި އެވަގުތަކު ބަހުސްކުރަންޖެހޭ މެންބަރުގެ ނަން ރިޔާސަތުން ވިދާޅުވަމުން ގެންދަވާނެ ކަމަށާއި ނަމަވެސް ރިޔާސަތުން ނަން ވިދާޅުވާ ވަގުތު ޖަލްސާގައި މެންބަރު ވަަޑައިގެން ނެތްނަމަ އިތުރު ފުރުސަތެއް ފަހުންވެސް އެ މެންބަރަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބަޖެޓް ބަހުސްގައި 87 މެންބަރުންގެ ތެރެއިން ކޮންމެ މެންބަރަކަށް 15 މިނިޓްގެ ފުރުސަތެއް ދެއްވައިގެން ބަޖެޓް ބަހުސް ކުރިއަށް ގެންދަވާއިރު، 21 ގަޑިއިރު ބޭނުންވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ވެސް ހަވީރު 5:00 އަށް ދެމިގެންދާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37.504 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބަޖެޓަށް ވަނީ ބަޖެޓް ކޮމިޓީގައި ވެސް ބަހުސްކޮށް މެމްބަރުން މިނިސްޓަރާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުއްވައިފައެވެ.