ވިޔަފާރި

އުރީދޫ ކަލާ ރަން އާއި ގުޅިގެން އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފި

މަރިޔަމް ޝަހުދާ

އުރީދޫ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކަލާ ރަން އާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފި އެވެ.

އުރީދޫން ކަލާ ރަން ކުރިޔަށް ގެންދަނީ އެހެން ބަޔަކު ފަރުމާކޮށްފައިވާ ލޯގޯ އަކާއެކު، އެ ލޯގޯ ފަރުމާކުރި ކުންފުންޏަށް އެއްވެސް ކްރެޑިޓެއް ނުދީ ކަމަށާއި، ދެ އަހަރު ކާމިޔާބު ކަމާއެކު އެ ދުވުން ބޭއްވި އިރުވެސް އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރި އެ ކުންފުންޏާ މެދު ވެފައިވާ އެއްބަސް ވުމަށް އުރީދޫން ނުބަލައި، އެ އެއްބަސްވުން އުވާލާފައިވާ ކަމުގެ ތުހުމަތު އުރީދޫއަށް ވަނީ ކޮށްފައެވެ. މި މައްސަލައިގައި އުރީދޫއަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް އުރީދޫން ބަޔާނެއް ނެރެފައިވަނީ އިއްޔެ އެވެ.

އުރީދޫން ނެރުނު ބަޔާނުގައި އުރީދޫގެ ކަލާ ރަން އަކީ ''ދަ ކަލާ ރަން''ގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބާއްވާ މިފަދަ ކަލާ ރަންތަކާއި، ރާއްޖޭގެ ފެންކުޅި ކުޅުމުގެ ސަގާފަތާއި ގުޅުވައިގެން އެ ކުންފުނިން ފެށި ހަރަކާތެއް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކުލަ ހިފައިގެން ނުވަތަ ކުލަ ޖަހާ ދުވުން ތަކަކީ ހަމައެކަނި އުރީދޫން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެއް ނޫންކަން އުރީދޫން ފާހަގަ ކޮށްފައިވެއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ކަލާ ރަން ބޭއްވުމުގެ ވިސްނުން ގެންގުޅެނިކޮށް ޔުނިކްސް ސްޕޯޓިންގް އިން ބައިނަލްއަގުވާމީ ''ދަ ކަލާ ރަން'' ރާއްޖެއަށް ގެނައުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އުރީދޫން އެމީހުން ރާއްޖެ ނުގެންނަން ނިންމައި، އެކުންފުނިން އަމިއްލައަށް ރާއްޖޭގައި ކަލާ ރަން ކުރިއަށްގެންދިއުމަށް ނިންމީ ކަމަށެވެ. އަދި ޔުނިކްސް ސްޕޯޓިންގް އާއި ހަވާލު ކުރީ އިވެންޓް މެނޭޖާއެއްގެ ހައިސިއްޔަތުން އުރީދޫ ކަލާ ރަންގެ ކަންކަން ރާވައި، އެ ހަރަކާތް މާކެޓް ކުރުމުގެ މަސައްކަތް ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން އުރީދޫ ކަލާ ރަންގައި ބޭނުން ކުރަމުން އަންނަ ލޯގޯ އަކީ އުރީދޫ މޯލްޑިވްސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، އެކުންފުނީގެ ލޯގޯއެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ޔުނިކްސް ސްޕޯޓިންގްއަށް އެކި ފަހަރު މަތިން އެކި ފުރުސަތުތައް ދީގެންވެސް މިއަހަރުގެ ކަލާ ރަންގެ ކަންކަމާއި ގުޅިގެން އުރީދޫ އާއި ޔުނިކްސް ސްޕޯޓިންގް އާއި މެދު އެއްބަސް ވުމަކަށް އާދެވިފައި ނުވާ ކަމަށެވެ. ދެ ކުންފުނީގެ ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމީ މިސަބަބާ ގުޅިގެން ކަމަށް އުރީދޫން ބުނެއެވެ. އެއްބަސްވުން އުވާލަން އުރީދޫން ނިންމި ނިންމުމަކީ އުރީދޫ ކަލާ ރަން އަކީ އެ ކުންފުނިން ރާވައި ހިންގާ އެންމެ ބޮޑު ހަރަކާތަށް ވުމުގެ އިތުރުން، މީގެ ކުރިން އެ ކުންފުންޏަށް މި ހަރަކާތާ ގުޅިގެން ލިބިފައިހުރި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫން އަބަދުވެސް މަސައްކަތް ކުރާނީ ނަޒާހަތްތެރި ކަމާއެކު ކުންފުނީގެ މިންގަނޑުގެ ތެރެއިން ކަމަށް އެ ކުންފުނީން ބުނެއެވެ. އަބަދުވެސް ރައްޔިތުން އެ ކުންފުންޏަށް ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.