ވިޔަފާރި

ނަސަންދުރާގެ މަޝްރޫއުގެ ބައެއް ހިއްސާ ސްޕެއިންގެ ކުންފުންޏަކުން ގަނެ އިންވެސްޓު ކުރަނީ

މަރިޔަމް ޝަހުދާ

ނަސަންދުރާ ހުރި ބިމުގައި އިމާރާތްކުރާ ހޮޓަލާއި އެޕާޓްމަންޓްތަކުގެ މަޝްރޫއު ހިންގާ ކުންފުނި، އެލްއޯއެލްސީ ގްރޫޕްގެ ދަށުން ހިންގާ ބްރައުންސް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ހިއްސާ ސްޕެއިންގެ ބާސެލޯ ހޮޓެލް ގްރޫޕުން ގަނެ، އިންވެސްޓު ކުރަން ނިންމައިފިއެވެ.

ލަންކާގެ އެކި ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ބާސެލޯ ހޮޓެލް ގްރޫޕުން ރާއްޖޭގައި ތިން ފަސްތަރީގެ ހޮޓެލް އެޅުމަށް އިންވެސްޓު ކުރާނެއެވެ. އެއީ ބޮޑުފިނޮޅުގައި ހަދާ 100 ކޮޓަރީގެ ރިސޯޓާއި 60 ކޮޓަރީގެ ބޮޑުފަރު ރިސޯޓާއި ނަސަންދުރާ ހުރި ބިމުގައި ހަދާ 150 ކޮޓަރީގެ ހަތަރު ތަރީގެ ހޮޓާ އަދި މަތީފަންތީގެ 100 އެޕާޓްމަންޓެވެ.

މީގެ އިތުރުން ބޮޑުފަރު ބީޗް ރިސޯޓުގެ %33.33 ހިއްސާ ބާސެލޯ ގްރޫޕަށް މި އެއްބަސްވުމުގެ ދަށުން ވިއްކާލާފައިވާނެ ކަމަށް ލަންކާގެ މާކެޓް ސްކްރީނާ ނޫހުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ އިތުރުން އެލްއޯއެލްސީ ގްރޫޕުގެ ދަށުން ހިންގާ ބްރައުންސް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީން ލަންކާގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ވެސް ބާސެލޯ ގްރޫޕުން އިންވެސްޓު ކުރަން ވަނީ ނިންމައިފައެވެ.

އެގޮތުން ލަންކާގައި ތަރައްގީ ކުރަމުން އަންނަ އީޑަން ރިސޯޓް އެންޑް ސްޕާ އަދި ޕެރަޑައިސް ރިސޯޓް އެންޑް ސްޕާއަށް އެކުންފުނިން އިންވެސްޓު ކުރަން ނިންމާފައިވެއެވެ.

ނަސަންދުރަ ހުރި ބިން ފަންސަވީސް ބުރިއަށް ތަރައްގީ ކުރުމަށް ބްރައުންސް އިންވެސްޓްމަންޓް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހައްމަދު މަނިކުގެ މަސްހަލަތު އޮންނަ، އެންޕީއެޗް އިންވެސްޓްމަންޓާއެވެ. އެއީ 2015 ވަނަ އަހަރުއެވެ.