ޚަބަރު

ހުދުމުހުތާރު ވެރިކަމެއްގައި ފެންނާނެ ހުރިހާ މަންޒަރެއް މިސަރުކާރުން އެބަ ފެނޭ: އަދުރޭ

1

ހުދުމުހުތާރު ވެރިކަމެއްގައި ފެންނާނެ ހުރިހާ މަންޒަރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެންނަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީގައި ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު ޖުމްހޫރީ ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގެ ޖުމްހޫރިއްޔަތުގެ އަސާސްތައް ގެއްލިފައިވާ ކަމަށެވެ. އަދި މިއަދު މިގައުމުގައި ހިނގަމުން މިދަނީ ޖުމްހޫރީ ވެރިކަމެއް އަދި ބަރުލަމާނީ ވެރިކަމެއް ވެސް ނޫން ކަމަށާއި މިއަދު ހިނގަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.

"ޖުމްހޫރީ ނިޒާމުގެ އަސާސްތައް މިވަނީ ގެއްލިފައި. ސިފަތައް މިވަނީ ގެއްލިގެން ގޮސްފައި. މިއަދުު ވެރިކަމުގައި މި ތިއްބެވި ބޭފުޅުން ކުރައްވަމުން މި ގެންދަވަނީ ޖުމްހޫރީ ވެރިކަމެއް ވެސް ނޫން. އަދި ބަރުލަމާނީ ވެރިކަމެއް ވެސް ނޫން. މިއަދު މިތާގައި ކުރަމުން މިގެންދަނީ ހުދުމުހުތާރު ވެރިކަމެއް,'' އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވެރިކަންކުރުމުގެ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ވަފާތެރިކަމާއެކު ވެރިކަން ކުރެއްވި ވެރިއެއް ކަމަށެވެ. އަދި މިއަދު ފެނިގެންދަނީ އަމިއްލަ އެދުމުން ފޯވެ، ރާއްޖޭގެ މާލިއްޔަތު ހުސްކޮށްލާ ވެރިން ކަމަށް ވިދާޅުވިއެވެ.

މިރޭ ވާހަކަދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ދެކޮޅަށް ވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި ދެމުންދަނީ ސިޔާސީ އަނިޔާ ކަމަށެވެ.

އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ކުރަމުންދަނީ ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުމާއި ގާއިމްކޮށްދެއްވީ ހަމަޖެހުމާއި ރައްޔިތުންނަށް ހޯއްދަވައިދެއްވީ އަދުލު އިންސާފު މި ސަރުކާރަށް ނުގެނެވޭނެކަން ޔަގީން ވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ކުށެއް ކުރެއްވިނަމަ ވެރިކަމުން ވަކިވެވަޑައިގެންނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު ކުރައްވާ ތުހުމަތުތަކަށް ޖަވާބު ދެއްވައި، ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީނު ކޮން ކުށެއް ކުރައްވައިގެންތޯ މިބޭފުޅުން މިއުޅެނީ....އެމަނިކުފާނު ބޭނުންފުޅު ވެއްޖެއްޔާ މާދަމާ ވެސް ފުރާވަޑައިގަތުމުގެ ފުރުސަތު އެބައޮތް. އެހެން ނަމަވެސް ޑޮކްޓަރަކަށް ދައްކާލަން ވެސް މިފަސްގަނޑުން ފައި އުފުރާ ނުލައްވާ، އެމަނިކުފާނު ސާބިތުކަމާއެކު އެހުންނެވީ ކުރައްވާ ތުހުމަތުތަކަށް ޖަވާބުދާ ދެއްވަން ވެގެން. އެމަނިކުފާނުގެ ކުށެއް ނެތްކަން، އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށްޓަކައި،" އަދުރޭ ވިދާޅުވިއެވެ.