އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ފައިނަލުގެ ޖާގައެއް ހޯދައި، އަންހެން ވޮލީގައި ރާއްޖެއަށް ތާރީހީ ކާމިޔާބީއެއް

އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައި، އަންހެން ވޮލީގައި ރާއްޖެއިން ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.

މިއަދު ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު، ފަސޭހަކަމާއެކު އަފްޣާނިސްތާނުގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބަލިކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖެއިން މިއަދުގެ މެޗުގައި ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-06، 25-07 އަދި 25-08 އިންނެވެ. އެ މޮޅާއެކު ފައިނަލުގެ ޖާގައެއް ހޯދައި، ރާއްޖެއަށް ވަނީ މެޑެއްޔެއް ކަށަވަރުވެފައެވެ.

ރާއްޖޭގެ ޓީމުން ފައިނަލުން ޖާގަ ހޯދާފައިވާ އިރު، ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ރާއްޖެއިން އަންނަ ބުދަ ދުވަހު ނުކުންނަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ. މިއަދުގެ މެޗުން ލިބުނު ކާމިޔާބީއާއެކު ރާއްޖެއަށް ފައިނަލުން ޖާގައެއް ކަށަވަރުވެފައިވަނީ ކުޅުނު ތިން މެޗުން އަށް ޕޮއިންޓު ހަމަކޮށްގެން ލީގުގެ ގަދަ ދެ ޓީމުގެ ތެރޭ ހިމެނިގެންނެވެ.

ރާއްޖެ އިން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން މޮޅުވެފައިވާ އިރު، ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝް ވެސް ވަނީ ބަލިކޮށްފައެވެ.

މިހާތަނަށް ކުޅުނު ލީގުގެ އެހެން މެޗުތަކަށް ބަލާ އިރު ފައިނަލުގައި ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށް ކަމަށް ބެލެވެއެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ރާއްޖެއިން ފައިނަލުގެ ޖާގައެއް ހޯދައި މެޑެއްޔެއް ކަށަވަރުކުރުމުން، މިއީ އަންހެން ވޮލީ ތާރީހުގައި ރާއްޖެއިން ހޯދާ ބައިނަލްއަގުވާމީ ފުރަތަމަ ކާމިޔާބީއެވެ.