ކޮލަމް

ކެޔޮނިރު ކޮލަމް: އިންޒާރުގެ ރަނގަބީލު! ރައީސް ސޯލިހު "އިންޒާރު" ދެއްވީ ރައީސް ނަޝީދަށްބާ؟

މުހައްމަދު ބުޝްރީ

3

"ރައީސްގެ ވަރުގަ އިންޒާރެއް ޝަރުއީ ދާއިރާއަށް،" މި ސުރުހީގެ ދަށުގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި އާދީއްތަ ދުވަހު ރިޕޯޓެއް ޝާއިއު ކުރިއެވެ. ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިޔަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ޝަރުއީ ދާއިރާއަށް ނިސްބަތްކޮށް ވިދާޅުވި އެއްޗެއް ކަމަށް މި ނޫހުގައި އޮތެވެ. ދިވެހި ދައުލަތުގެ ތިން ބާރުގެ ވެރީންވެސް ތިއްބަވަން ވާނީ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށް ރައީސް ސޯލިހު ވިދާޅުވީ އެ ތިން ބާރުގެތެރެއިން ކޮންބާރެއްގެ ވެރިފަރާތަށް ދެއްވި ބަހުގެ އިންޒާރެއްގެ ގޮތުގައި ބާވައެވެ؟

"ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑުކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގައި ވިޔަސް، ޤާނޫނުއަސާސީއަށް ވުރެ މަތީގައި ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ،" ކަމަށް ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަރުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފުލާގައެވެ.

ދައުލަތުގެ ތިން ބާރަކީ ދައުލަތް ހިންގުމުގެ ބާރު ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރުގެ ވެރިޔާ ނުވަތަ ރައްޔިތުންގެ މަޖުލިހުގެ ވެރިޔާ އާއި، ޤާނޫނު ތަންފީޒު ކުރުމުގެ ބާރު ނުވަތަ ޖުޑިޝަރީގެ އެންމެ އިސް ވެރިޔާ، އުއްތަމަ ފަނޑިޔާރެވެ. ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހުރި ދަތިތަކަށް ވުރެ މަޖުލިސް ތެރެއިން ހުރި ޕްރެޝަރުތައް މާބޮޑެވެ. މަޖުލިސްތެރެއިން ރައީސްގެ އިސްތަށިފުޅުގައި "ވަގު" އިލްޒާމް އަޅުވައި، ވަގަށް ގޮވައި، އެމް.ޑީ.ޕީ މެމްބަރުން ރައީސްއާ ދެކޮޅަށް ބަޣާވާތް ކުރުމަށް މެމްބަރަކު ދާދި ފަހުން ވަނީ ގޮވާލާފައެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސް ސޯލިހަށް މިފަދަ ހަޑި ހުތުރު ބަސްތައް ރައްދު ކުރެއްވި އިރު ރައީސްގެ "ބެސްޓް ފްރެންޑް" މުހައްމަދު ނަޝީދު އިންނެވީ މަޖުލިސްގެ ރިއާސަތުގައެވެ.

ރައީސް ނަޝީދަކީ މިދެންނެވި ތިން ބާރުގެ ތެރެއިން ޤާނޫނު ހަދާ ބާރުގެ އެންމެ އިސް ފަރާތެވެ. އަބްދުﷲ ޖާބިރުގެ ވާހަކައިގައި އަސްލު "ރައީސުލް ޖުމްހޫރިއްޔާ" ގެ ލަޤަބުން ނިސްބަތް ކުރަން ޖެހެނީ ރައީސް ނަޝީދަށް ކަމަށާއި ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެސީގެ ބައްޕަ ކަމަށް ވިދާޅުވެ، ރައީސް ސޯލިހަކީ ބަޣާވާތަކުން ވައްޓާލަންޖެހޭ "ވަގެއް" ކަމުގައި ވިދާޅުވި އިރުވެސް ރައީސް ނަޝީދު މިވާހަކަތައް ނުހުއްޓުވައެވެ. ހިނގަމުންދިޔަ ބަހުސާ ގުޅުމެއް ނެތް ވާހަކައަކަށް ވެމެ، އެވާހަކަ ނުހުއްޓުވައި ރައީސް ނަޝީދު އިންނެވި އިންނެވުމުން ދޭހަވަނީ ނަޝީދުގެ ތާއިދު އެއިލްޒާމްތަކަށް އޮތްކަމެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ހަފުލާގައި ރައީސް ސޯލިހު ފާހަގަ ކުރެއްވި 3 ވަނަ ބާރަކީ މަޖުލިސްގެ ރައީސް ކަމަށް ޤަބޫލް ކުރެވެނީ މިހެންވެއެވެ. ރައީސް ނަޝީދު މިވަގުތު މަޖުލިސް ހިންގަވަނީ ވަކި ސަރުކާރެއްގެ ގޮތުގައި، ރައީސް ސޯލިހުގެ ސަރުކާރަށް ދަތިވާ ގޮތަށް ކަމަށް ސިޔާސީ ތަޖުރިބާ ކާރުން ދެކެއެވެ. މަޖުލިސްގެ ވަކިވަކި ކޮމިޓީތަކުން މިނިސްޓްރީތަކުގެ ބާރަށް އަރައިގަނެ، ޖޭ.އެސް.ސީ ގެ ތެރެއިން ޖުޑިޝިއަރީގެ ބާރަށް އަރައިގަނެ، ރައީސުލް ޖުމްހޫރިއްޔާ ދައްކަވަން ޖެހޭ ވާހަކަތައްވެސް ސީދާ ރައީސް ނަޝީދު ދައްކަވައި ހެދުމަކީ ތިންބާރު މުށުތެރެއަށް ލައްވައި، އަނެއް ދެބާރުގެ ބާރު ކަނޑުވާލުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެން ކަމުން މިއީ ޤާނޫނު އަސާސީގެ ހުދޫދުގެ ބޭރުން ވަކި ބާރުތަކެއް ނަންގަވައިގެން ރައީސް ނަޝީދު، ވަކި ސަރުކާރެއްގެ ގޮތުގައި މަޖުލިސް ހިންގެވުން ކަމުގައި ބެލެވޭނެ ޖާގަ އެބައޮތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހުގެ "އިންޒާރު" އަމާޒުވަނީ ޝަރުއީ ދާއިރާއަށް ވުރެ ބޮޑަށް ރައްޔިތުންގެ މަޖުލިހަށް ކަމަށް ބެލެވެއެވެ. މިއީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު އުފެދެމުދާ ސިޔާސީ ޚިޔާލު ތަފާތުވުން ތަކުގެ މައްސަލަ އިތުރަށް ގޯސްވެ ރާއްޖޭގެ ކުރިމަގާއި އެމް.ޑީ.ޕީ ގެ ކުރިމަގާއި މެދުވެސް ދެ ބޭފުޅުންގެ ތަސައްވަރު ތަފާތު ކަމުގެ ހެއްކެކެވެ. މި ނޮވެމަބަރު 20 ވަނަ ދުވަހު އެމް.ޑީ.ޕީ ގެ ރައީސް އާއި ނައިބު ރައީސް، މި ދެ މަޤާމަށް، އާ ދައުރަކަށް ދެބޭފުޅުން ހޮވުމަށް މުޅި ރާއްޖޭގައި އިންތިހާބު ބާއްވާ އިރު، ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައި ވަނީ ރައީސް ނަޝީދު ގިނިކަންޏާއެވެ. ނަމަވެސް ޕާޓީގެ ނައިބު ރައީސް ކަމަށް މަޖުލިސް މެންބަރު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް ކުރިމަތި ލައްވާފައި ވެއެވެ. އަދި ކެމްޕެއިން ހިނގަމުންދާ ގޮތަށް ބަލާއިރު ފެންނަ މަންޒަރަކީ އަސްލަމްގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު ކަމާއި، ޝިފާޒްގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހު ކަމެވެ.

ނޮވެމްބަރ 20 ގެ އެމް.ޑީ.ޕީ ލީޑަރޝިޕް އިންތިހާބުގައި ޕާޓީގެ ނައިބު ރައީސަކަށް ޕާޓީގެ އާއްމު މެންބަރުން އަސްލަމް ހޮވައިފިނަމަ އެއީ ޕާޓީތެރޭގައި ރައީސް ސޯލިހުގެ ބާރު ދަށްވެ، ވަކި ސަރުކާރެއްގެ ގޮތުގައި މަޖުލިސް ހިންގެވުމަށް ނަޝީދަށް ލިބިވަޑައިގަންނަވާ އިތުރު ލައިސަންސަކަށް ވެދާނެއެވެ. ހަމަ އެފަދައިން ނައިބު ރައީސަކަށް ޝިފާޒް ހޮވިއްޖެ ނަމަ ނަޝީދުގެ ބާރު ކޮންމެވެސް ވަރަކަށް ދަށްވެ، ރައީސް ސޯލިހުގެ ބާރު ޕާޓީތެރޭގައި އިތުރަށް ގަދަ ވުމަކީ ކައިރި ކަމެކެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު، ދައުލަތުގެ ތިންބާރުގެ ވެރީންނަށް ދެއްވި "އިންޒާރު" ގޮސް އަމާޒުވާ ހިސާބު މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ. ނޮވެމްބަރު 20 ވަނަ ދުވަހުގެ އެމް.ޑީ.ޕީ އިންތިހާބަށް ފަހު މު ކުޅިބައި އިތުރަށް އަތުރާލެވޭތަން ފެނިގެން ދާނެއެވެ. ރާއްޖޭގެ ސިޔާސީ ކުރިމަގު ބިނާވެގެން ދާނީ މިދެންނެވި ކުޅިބައި އަތުރާލެވޭ ގޮތެއްގެ މައްޗަށެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ފިކުރު އެއްގޮތް ކަމަށް ބަޔަކު ކިތައްމެ ވަރަކަށް ބުންޏަސް އެއީ ސިޔާސީ ފިކުރު ވަރަށް ތަފާތު ދެބޭފުޅުންނެވެ. މި ޤައުމުގެ ސިޔާސީ ކުރިމަކު ބިނާވެގެންދާނީ މިދެބޭފުޅުންގެ ތެރެއިން ސިޔާސީ މުޤާބަލާއިން ކާމިޔާބު ލިބޭ ފަރާތެއްގެ މައްޗަށް ބުރަވެއެވެ. އެހެން ކަމުން އެންމެންގެ ލޯތައް ހުރީ 20 ނޮވެމަބަރުގެ އިންތިހާބަށް ހުއްޓިފައެވެ. އިންޒާރުގެ ރަނގަބީލު އެވަނީ ޖެހިފައެވެ!