ޚަބަރު

މަޖިލިސް ތަޅުމުގައި މާދަމާ ބަޖެޓް ބަހުސް ފަށަނީ

އިބްރާހިމް ޒަކީ

އަންނަ 2020 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސް، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދަން އެޖެންޑާ ކޮށްފިއެވެ.

އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37.504 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބަޖެޓަށް ވަނީ ބެޖެޓް ކޮމިޓީގައިވެސް ބަހުސްކޮށް މެމްބަރުން މިނިސްޓަރާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުއްވައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޖުމުލަ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 35،600 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މި ބަޖެޓަކީ، 5678 ބިލިއަން ރުފިޔާއިން ޑެފިސިޓް (ދަރަނި) ބަޖެޓެކެވެ. ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަކީ 29،922 ބިލިއަން ރުފިޔާ އެވެ.

މިއީ މި ހިނގާ އަހަރުގެ ބަޖެޓަށް ވުރެ 8.5 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 37.504 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ ޖުމްލަ 35.6 ބިލިއަން ރުފިޔާ ކަމަށެވެ.

ބަޖެޓާ އި ހަރަދާއި ހުރި ތަފާތުގެ ބޮޑުބައެއްހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާ ކުރުމަށް ދައްކާ 1.9 ބިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ، 29.9 ބިލިޔަން ރުފިޔާ ކަމަށާއި އެހެންކަމުން ބަޖެޓް ޑެފިސިޓް ވާނީ 5.7 ބިލި ރުފިޔާއިން ކަމަށާއި ޖީޑީޕީގެ ނިސްބަތުން އެއީ 5.8 ޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓުގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ މައިގަނޑު ފަސް ދާއިރާއަކަށް އަމާޒު ކޮށްފައިވާ އިރު، އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓެކްސްގެ ގޮތުގައެވެ. އެއީ އާމްދަނީގެ 48 ޕަސެންޓް ކަމަށްވާ 17.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ހިމަނައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހަރަދެއް ކުރަން ކަޑައަޅާފައިވަނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާއެވެ. އެއީ ޖުމުލަ ހަރަދުގެ 59 ޕަސެންޓެވެ. ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ފަސް ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ.