ޚަބަރު

ސަރުކާރުގެ އަމާޒުހުރީ ރައީސް ޔާމީން ހައްޔަރުކުރަން: އަދުރޭ

ސަރުކާރުން އަމާޒު ހިފާފައި ހުރީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ކަމަށް ޕީއެންސީގެ ރައީސް އަދި ކުރީގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަދުރޭ މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރީން ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަދުރޭ ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރަށް އެއް އަހަރު ފުރޭ ދުވަސް ކަމަށްވާ މި މަހުގެ 17 އަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ ވެސް ރޭވުމެއްގެ ތެރޭންނެވެ.

"މީ ސިޔާސީ ގޮތުން ކުރިޔަށް ގެންދާ ދައުވާއެއް. ރައީސް ސޯލިހާ އަޅުގަނޑުމެން ބައްދަލުކުރި ދުވަހު އެމަނިކުފާނު ވެސް ވަނީ މީ ސިޔާސީ ދައުވާއެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅުދައްކަވާފަ. އެހެންވީމަ އެދުވަހުން ފެށިގެން އަޅުގަނޑުމެން ނިންމައިފިން މީ ސިޔާސީ ދައުވާއެއް ކަމަށް." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިކަންކަން ހުއްޓުވުމަށްކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕީޕީއެމް ޕީއެންސީން ކުރާނެ ކަމަށާއި މަޑުން ނުތިބޭނެ ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މިޔަށްވުރެ އަނިޔާވެރި އަދި ހުދުމުހުތާރު ވެރިކަމެއް ފެނިފައި ނުވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް، ރައީސް ޔާމީން ޖަލަށް ލާނެކަން ޔަގީން ކުރުމަށް ސޯޝިއަލް މީޑިއާގައި ވޯޓެއް ނަގަމުން އަންނަ ކަމަށާއި އެއީ ސީދާ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި އެކަމަކީ ރައީސް ސޯލިހު ވެސް ބޭނުންފުޅުވެގެން ކުރައްވާ ކަމެއް ކަމަށާއި އެހެން ނޫން ނަމަ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރަކަށް އެކަން ނުކުރެއްވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. ހަމަ އެއާއެކު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވެސް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.