"ދަރިފުޅު ބުނީމެއްނުން ކުޑަކުދިންގެހިޔާގައި ދުވަސްތައް ހޭދަކުރަން ޖެހުނު ސަބަބު އިނގެން ބޭނުމޭ. މިދެމަފިރިން ކައިރީގައި އަހައިގެން ދަރިފުޅުގެ ސުވާލުތަކުގެ ޖަވާބު ހޯދާ" ޙައްވަ އެހެން ބުނުމާއެކު އަމީޒާއާއި އަޒްކާގެ ނަޒަރު ހީނާއަށް ހުއްޓުނެވެ. ނަތާޝާއާއި ރާއިދު އަދި އިމްރާނާ އީވް ވެސް ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ހީނާއަށް ބަލައިލިއެވެ. ބޮޑު ކަންތައްގަނޑެއް ފެން މައްޗަށް އަރަން އުޅޭ ކަހަލަ އިހުސާސެއް އިމްރާނަށް ކުރެވުނެވެ. އެކަން އޭނާއަށް އިހުސާސްވީ މަންމަ ހީނާ އޮބައިލައިގެން ހުރި އިސް އުފުލާ ނުލީމައެވެ. އެހެންކަމުން ވެގެން އުޅޭ ކަމަކުން ދެފަރާތުން ވާހަކަދައްކައިގެން ހައްލުކުރަން އެންމެ ރަނގަޅުގޮތް އިމްރާމް ޚިޔާރުކުރިއެވެ.
ސިޓިންގްރޫމް ސޯފާގައި ތިން އާއިލާ ތިބިއިރު ވަކިން ދެމީހުންނަށް އިށީނދެވޭ ގޮނޑީގައި އިނީ ތައުފީގާއި ހީނާއެވެ. އިސްވެ އެއްވެސް މީހަކު ވާހަކަނުދެއްކުމުން އިސްނެގީ އިމްރާނެވެ.
"އަޅުގަނޑުގެ މަންމައާއި ބައްޕަގެ ފަރާތުން އެއްވެސް ކަމެއް މާޒީގައި ކުރެވިފައިވާނަމަ އެކަމަށް އަޅުގަނޑު މަޢާފަށް އެދެން" އިމްރާން ބުނެލިއެވެ.
"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. އަޅުގަނޑު ބޭނުމީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު" އަޒްކާ ވާހަކަދެއްކިއެވެ.
"ދުވަހަކުވެސް ހިއެއް ނުކުރަން މިދުވަސް އައިސްދާނެ ކަމަށް. އެކަމަކު މިދުވަސް މިއޮތީ ދައްކަވާފަ. ޔަގީނުންވެސް ދުލުން އެންމެ ދޮގެއްވެސް ބޭރެއް ނުކުރާނަން" ތައުފީގް ވާހަކަދެއްކިއެވެ. ހީނާއަށް ވާހަކަދައްކަން އުނދަގުވީއެވެ. ކުށްވެރިކަމުގެ އިހުސާސް ކުރެވެނީއެވެ.
"އަހަރެމެން ދެމަފިރިން ކައިވެނިކޮށްގެން އަހަރެއްވީތަނާ އިމްރާން ލިބިއްޖެ. އޭގެފަހުން ހަތަރުއަހަރު ވީއިރުވެސް އިތުރު ދަރިއެއް ނުލިބޭ. އޭގެފަހުން ތިންފަހަރު ބަނޑުބޮޑު ވެފައިވެސް ބައިގެން ދަނީ. އެކަމުގެ ހިތާމައިގައި ހީނާ ވިސްނާ ބޯގޮށްވަން ފެށީމަ ހިތަށް އެރީ މާހައުލު ބަދަލުކޮށްލަން އަތޮޅުތެރޭގެ ރަށަކަށް ޖައްސާލަންވީއޭ. އެގޮތުން ދިޔައީ ޙައްވައްތަމެންގެ ރަށަށް. އަރާމުކޮށްލަން އަތިރިމަތީގައި އުޅެލާފައި ގެއަށް އައި މަގުމަތީގައި ޙައްވައްތައާ އެކުވެރިވެވުނީ. ދެފަރާތުންވެސް އެކި ކަހަލަ ވާހަކަތައް ޙިއްސާކޮށް އެންމެފަހުން އަހަރެމެންނަށް ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަވެސް ކިޔާދެވިއްޖެ. އެދުވަހު އަރުޝީ ހަވާލުކުރީ އަމާނާތެއްގެ ގޮތުގަ. އަހަރެމެން ދެމަފިރިންވެސް އަރުޝީ ދެކެ ވަރަށް ލޯބިވިން. މާލެ އައިސް ކުޑަ ދުވަސްކޮޅެއްވީތަނާ ހީނާ ރާއިދަށް ބަނޑުބޮޑުވެއްޖެ" ތައުފީގް ވާހަކަ ހުއްޓައިލިއެވެ. ހަމަޖެހުމުގެ ނޭވައެއްލިއެވެ. ދެން ވާހަކަދައްކަން ފެށީ ހީނާއެވެ.
"އޭރު އަހަރެންގެ ހިތުން އަރުޝީއަށް ދަރިއެއްގެ ދަރަޖަވެސް ދެވިއްޖެ. އަހަރެމެންނަށް އަންހެން ދަރިއެއް ލިބިއްޖިއްޖެނަމަ ކިޔާނެ ނަމަކަށް އަޒްކާ ކިޔަން ހަމަޖައްސާފައި އޮންނާނީ މާކުރިން. އެހެންކަމުން މާލެ އައިގޮތަށް އެތައް މަސައްކަތަކުން ނަން ބަދަލުކޮށްލީ. އެކަމަކު ތިންފަހަރު ބައިގެން ގޮށްސަ ހަތަރުވަނަ ފަހަރު ބަނޑުބޮޑުވުން އަހަރެން މުޅިން އެނދުމަތި ކޮށްލައިފި. އެއްވެސް ކަމެއް ނުކުރެވޭ. އަމުދުން އަޒްކާގެ އެއްވެސް ކަމެއް ނުކުރެވޭ. އެކުއްޖާފުޅު ބަލިވެ ހުމާ އޮތްއިރުވެސް އަހަރެންނަށް ދޭންވާ ސަމާލުކަން ނުދެވޭ. އިމްރާންގެ މާމަ އެދުވަސްކޮޅު އިމްރާނާ ހަވާލުވެއްޖެ. އެކަމަކު އަހަރެމެން އެދުމުންވެސް އަޒްކާ އާ ހަވާލެއްނުވި. އަހަރެންނަށް އެކުއްޖާ ރަނގަޅަށް ބެލޭނީ އަހަރެން ސަލާމަތުން ހުރެގެންތާ. އަންހެންކުއްޖަކަށް ވީތީ އެކުއްޖާ ފެންވަރުވާ ކުޑަކަމު ދިޔަސް ބޮޑުކަމު ދިޔަސް ދޮށްވަން ހަދާކަށް އަހަރެން ތައުފީގް އަތަށް ދޭން ބޭނުންނުވި. އެހެންވެ އަހަރެން މަސައްކަތްކުރީ އަޒްކާގެ ހަގީގީ ބެލެނިވެރިންނާ ހަވާލުކުރުމަށް. ރަށު އޮފީހަށް ގުޅައިގެން ބެލިއިރު ޙައްވައްތަމެން ރަށުގަ ނެތް. ބުނީ ބޭހަކަށް ކޮންމެސް ތަނަކަށް ގޮހޭ ވީ. ދެން އަހަރެން ހަދާނެގޮތެއް ނޭނގިގެން އެކުއްޖާއާ މެދު އިހުމާލެއް ވެވިދާނެކަމާމެދު ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުން ސަރުކާރަށް ސިޓީ ލައިގެން އުޅުނީ. ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ސަރުކާރުން އަޒްކާ އާ ހަވާލުވެއްޖެ. އެދުވަހު އަހަރެން ކުރި ހިތާމަ ހެއްދެވިފަރާތް ދެނެވޮޑިގެންވާނީ. އެކަމަކު ރާއިދު ވިހައިގެން އަހަރެން ގަދަވުމާއެކު މަސައްކަތްފެށީ އަޒްކާ އަނބުރާ ހޯދަން. އެކަމަކު ނުލިބުނު..." ވާހަކަދައްކާ ނިމުނުއިރު ހީނާއަށް އިނީ ރޮވިފައެވެ.
"އަހަރެމެންގެ ހިތުގައި ބުރަކަމެއް ނެތް. މާތްﷲ އިރާދަކުރެއްވިއްޔާ މިއަދު އަހަރެމެންގެ ގެއްލުނު ދަރި އަހަރެމެންނަށް ލިބިއްޖެ" އަޒްކާގެ ބޮލުގައި ފިރުމައިލަމުން ޙައްވަ ބުނެލިއެވެ.
ހީނާ އިސްއުފުލާފައި ފުރަތަމަވެސް ބަލައިލީ އަޒްކާގެ މޫނަށެވެ. އެވަގުތު އޭނާއަށް އަޒްކާގެ މޫނުމަތިން އަޒްކާ ތުއްތު އިރުގެ މޫނު ސިފަވި ކަހަލައެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއިރު ދެލޮލުގައިވީ ކަރުނައެވެ.
"ތިއީ މި މަންމަގެ ބަނޑުން ނުވިހާ ދަރިފުޅު. ދަރިފުޅާ އިމްރާން. މިއީ ދަރިފުޅުގެ ކޮއްކޮއެއް. އޭރުގަވެސް ދަރިފުޅު ވަރަށް އުޅޭނެ އަންހެންކޮއްކޮއެއް ބޭނުންވެގެން. އަޒްކާ އައިމަ އުޅުނީ ވަރަށް އުފަލުން. ރާއިދުގެ ދައްތައެއް ފަދަ" އަޒްކާ ކައިރީގައި ހުރި ހުސް ޖާގައިގައި އިށިންނަމުން ހީނާ ވާހަކަދެއްކިއެވެ.
"ދައްތައަކަށް ވުރެ ބޮޑަށް ގާތް އެކުވެރިއެއް" ރާއިދު ބުނެލިއެވެ.
"ދަރިފުޅާ.. މިހާރު މި މަންމައަށް އިހުސާސްވެއްޖެ މާޒީގައި ދަރިފުޅާމެދު ކަންތައް ހިނގާފައިވަނީ ރަނގަޅަކަށްނޫން. އެކަމުގެ ފަހަތުގައި ވަނީ މި މަންމަ. މަޢާފްކޮށްދީ" އަޒްކާގެ އަތުގައި ހިފައިލަމުން ހީނާ ބުނެލިއެވެ.
"ނޫން... އަލްޙަމްދުﷲ. މިހާރު އަޅުގަނޑަށް އިޙުސާސް ކުރެވިއްޖެ ދުނިޔޭގައި އުފަލަކީ ކޮބާކަން. އަޅުގަނޑު ހީކުރިން އަޅުގަނޑަކީ ވަރަށް ނަސީބުދެރަ ކުއްޖެކޭ. ކޮންމެ އެކަނިވެރިކަމެއް ނޫނީ ކޮންމެ ހިތާމައެއްގެ ފަހަތުގައި ފޮރުވިފައިވާ ރަހުމަތެއްވާކަން މިހާރު އިނގިއްޖެ. މަންމަގެ ސިފައިގައި އަޅުގަނޑަށް ލޯބިދިން އެތައް އަންހެނެއް މިވަގުތު މިތަނުގައި އެބަތިބި. ހަމަ އެގޮތަށް ބަފައެއްގެ ލޯބިދިން ތިން ފިރިހެނުންވެސް.... މިވަގުތު އަޅުގަނޑު ބޭނުންވަނީ ދެން އެންމެ އުފަލެއް. އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވާނެ ބައިވެރިއެއް. އެވެސް ވަރަށް އަވަހަށް ލިބޭނެ. އިންޝާﷲ...." ދެލޯ ކައިރި ފޮހެލަމުން އަޒްކާ ނާހިދަށް ކަޅިއެއް އެއްލިއެވެ. އެވަގުތު ނާހިދް ކޮށްލީ ލާނެއް ސަމާސާއެކެވެ. އަޒްކާއަށް ހެވުނެވެ.
އިމްރާން ކައިރީގައި ހުރި އީވްއަށް މިހުރިހާއިރު އަޒްކާ އާ މެދު ކުރެވިފައިވާ ކުށްހީތައް ފިލައިގެން ދިޔައެވެ. އަޒްކާގެ ވާހަކަދެއްކުމުގައިވާ މަޑުމައިތިރިކަމާ އެހެން މީހުންނަށް ކުރާ އިހުތިރާމް ފެނި އީވްއަށް އަޒްކާއަށް ހިތްހެޔޮ ކުރެވުނެވެ. އެއްވެސް ސަބަބަކާ ނުލާ އަޒްކާއަށް ކުރެވުނު ނަފްރަތު ލޯތްބަށް ބަދަލުވެއްޖެއެވެ. ނައިޝީގެ ވާހަކަތަކުގައި ދޮގެއްވާކަން އޭނާއަށް ގަބޫލުކުރެވިއްޖެއެވެ. އެހެންނޫންނަމަ ނައިޝީ އާ ގުޅުވައިގެން އެކަހަލަ ވާހަކައެއް އިމްރާން ދައްކަންވީ އެއްވެސް މާނައެއް ނެތެވެ.
އަޒްކާގެ އާއިލާއާއި ނަތާޝާގެ އާއިލާ ގެއަށް ދިޔުމަށްޓަކައި މަގުމަތީގައި ތިބި ވަގުތު އެންމެންގެ ތެރެއިން ނާހިދް އަޒްކާ ހޯދައިލިއެވެ. އަމީޒާ ކައިރީގައި ހުރި އަޒްކާ ފެނުމުން އޭނާ އަރާހަމަކުރިއެވެ. އަޒްކާ ބަލައިލި ވަގުތު އެއްވެސް މީހަކަށް ނުފެންނާނޭހެން އަޒްކާގެ އަތްތިލައިގައި ހިފައިލިއެވެ. ދެން އަޅާނުލާ ކުރިއަށް ހިނގައިގަތެވެ. އަޒްކާ ބަލައިލިއިރު މުށުތެރޭގައި ކުޑަ ކަރުދާސްކޮޅެއް އޮތެވެ. އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނާހިދްގެ އާއިލާ ކާރުގަ ނައްޓާލަންދެން އަޒްކާ ބަލަހައްޓައިގެން ހުއްޓެވެ. އަޒްކާގެ އާއިލާ ގޮވައިގެން ގެއަށް ދިޔައީ އިމްރާނެވެ. އެއީ އެ އާއިލާގެ ފަރާތުން އަޒްކާގެ އާއިލާއަށް ދިން އިހުތިރާމެވެ.
ފެންވަރާލައިގެން ނިކުތް އަޒްކާ އެނދުގައި އޮތް ޙައްވައަށް ބަލައިލިއެވެ. ޙައްވައަށް އޮތީ ނިދިފައެވެ. މޫނުގައި ކްރީމް ހާކަމުން ދިޔަ އަޒްކާ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލާފައި އިރުކޮޅަކާ ހީލައެވެ. އޭނާ މަޑުމަޑުން ނާހިދްގެ ނަން ކިޔައިލިއެވެ. އެނދަށް އެރުމުގެ ކުރިން ވޮލެޓް ހުޅުވާލާފައި ނާހިދް ދިން ގަނޑުކޮޅު ނިއުޅުވާލިއެވެ.
"މާދަމާ ރޭ ނޫން އަނެއް ރޭ... ނުވައަކަށް އައިސްދެއްޗެ... ޕްލީޒް... އަހަރެން ތަން މެސެޖްކޮށްލާނަން... ލަވް ޔޫ" ކުރުކުރު މެސެޖެކެވެ. ނަމަވެސް އެކުރު އިބާރާތްކޮޅު ކިޔާލެވުނުހިނދު އަޒްކާގެ ހިތް ފުރިއްޖެއެވެ. ނާހިދްގެ މީހަކަށްވާން މިހާރު އޭނާއަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް އަދިވެސް ދުރުމިނެއް ބަހައްޓަން އެބަޖެހެއެވެ. ނާހިދާ ގުޅުންހުރި އަންހެނަކު އިއްދައިގައި އެބައިނެވެ. އެހެންވީމާ އޭނާ އަދި ޖެހޭނީ ކެތްތެރިވާށެވެ.
ހޮނިހިރު ދުވަހެކެވެ. ހެނދުނު ދިހައެއް ޖަހާލިހާއިރެވެ. އަޒްކާ ސިޓިންގްރޫމް ސޯފާގައި އޮތީ ޓީވީން ދައްކަމުންދިޔަ ފިލްމެއް ބަލާށެވެ. ސޯފާމަތީގައި އޮށޯވެގެން އޮތްއިރު އޭނާގެ ދެފައި އޮތީ ސޯފާގެ ގޮދަޑި ފަޑި މަތީގައި އަޅުވާލައިފައެވެ. އިސްތަށިގަނޑު ފަތުރާލާފައި އެއްފަރާތުން ތިރިއަށް އެލިފައި އޮތެވެ. ބަނޑުމަތީގައި ބަހައްޓާފައި ހުރި ތަށިން ފަހަރަކު އަލްމަންޑުކޮޅެއް އަނގައަށް ލަމުން ދިޔައިރު އޭނާގެ ހުރިހާ ޝައުގުވެރިކަމެއް ހުއްޓާލާފައި ވަނީ ހަމައެކަނި ޓިވީން ދައްކަމުންދިޔަ ފިލްމަށެވެ.
"ސާބަހޭ. ދަރިފުޅަށް ހަމަ އަޑުނީވޭތީތަ ތިއޮންނަނީ..." އަޒްކާގެ ކައިރިން ލާފައި ދޮރާއި ދިމާލަށް ދިޔަ އަމީޒާ ބުނެލިއެވެ. އަމީޒާ އެހެން ބުނުމުންވެސް އަޒްކާއަށް އަޅައެއްނުލެވުނެވެ.
"ވަޢަލައިކުމުއްސަލާމް. ކީއްކުރައްވާ ބޭފުޅެއް" އަމީޒާއަށް ބުރުހާނުއްދީންގެ އެއްފަރާތުގައި ހުރި މާހިލް ފެނުނީ ފަހުންނެވެ.
"އަޒްކާ އާ ބައްދަލުކޮށްލަން" ބުރުހާނުއްދީން ބުނެލިއެވެ.
"ދުރުވޭ އެތެރެއަށް" އަމީޒާ ބުނެލިއެވެ.
ވަދެގެން އައި ބުރުހާނުއްދީނާއި މާހިލް ފެނުމުން އަޒްކާ ތެދުވެ ލައިގެން ހުރި ހެދުމަށް ދަމައިލިއެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން އަތުގައި ހުރި އަލްމަންޑުތަށި ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ބަހެއްޓިއެވެ. ރިމޯޓް ނަގާފައި ޓީވީގެ އަޑު މަޑުކޮށްލިއެވެ. ބުރުހާނުއްދީނާ މާހިލް ގޮނޑިތަކުގައި އިށިންއިރު ޙައްވައާ ޙަމީދުވެސް އަތުވެއްޖެއެވެ.
"މިއީ އަޅުގަނޑުގެ ދަރިފުޅު އަޒްކާ އަކީ" އަޒްކާ ކައިރީގައި އިށިންނަމުން އަމީޒާ ބުނެލިއެވެ.
އަޒްކާ ޚައިރާންވެފައި ބުރުހާނުއްދީނަށް ބަލައިލިއެވެ. މާހިލްވެސް ހިނދުކޮޅަކަށް އަޒްކާއަށް ބަލައިލިއެވެ. ދެން އިސްޖަހައިފިއެވެ.
"އަޒްކާއަށް އިނގޭނެ އަޅުގަނޑަކީ ކާކުކަން. މިއީ އަޅުގަނޑުގެ ދަރިފުޅު މާހިލް. މާހިލްއަށް ވަނީ އަޒްކާއާ މެދު ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރެވިފައި. އޭނާ އެ އައީ އެކަމަށް މަޢާފަށްއެދެން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.
"މަޢާފްކޮށްފިން" އަޒްކާ ބުނެލީ އެވަރަށެވެ.
"އަޒް... އަހަރެން މިއުޅެނީ ފުރަން. ހިތްހެޔޮކޮށްދިނުން އެދެން. އަހަރެން ބޭނުން އެންމެފަހަރަކު ދިޔުމުގެ ކުރިން އަހަރެންގެ ދަރިފުޅު ދެކިލަން. އެކުއްޖާ އުރާލަން. އަހަރެން ބޭނުން އެކުއްޖާއަށް އަހަރެންނަކީ ބައްޕަކަން އިނގެން" މާހިލް ވާހަކަދެއްކިއެވެ.
އަޒްކާ އަމީޒާއަށް ބަލައިލިއިރު ލޮލުގައި ކަރުނަ ބޮނޑިވެގަނެއްޖެއެވެ. މާހިލްއަށް އެ ވިސްނުނީ ހާދަ ފަހަކުންނެވެ.
"އަހަރެން މިއަދު ވަރަށް އުފާވެއްޖެ މާހިލްއަށް ހަގީގަތުގައިވެސް ވިސްނިފައި ހުރީތީ. އެކަމަކު ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ. އެދަރިފުޅު ފެނުމުގެ ނަސީބު ލިބުނީ ހަމައެކަނި އަހަރެންނަށް. މާހިލް އެކުއްޖާ އާ ހަގީގަތުގައިވެސް ބައްދަލުކުރަން ބޭނުންނަމަ ދޭ ސަހަރާއަށް. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް އުފަންވި އިރުވެސް ވަނީ ނިޔާވެފަ. އަންހެންކުއްޖެއް. ކިޔަނީ އައިޒާ. އިންނާނެ ނަން ޖަހާލާފަ މަހާނަ ވަކިކުރަން" އަޒްކާއަށް ރޮވިއްޖެއެވެ. އޭނާއަށް އަމީޒާގެ ގައިގައި އޮޅުލައިގަނެވިއްޖެއެވެ.
މާހިލްގެ ކަންފަތަށް އެ ބަސްތައް އިވުމުގެ ކުރިން ދެކަންފަތް ބީރުވިނަމައޭ ހިތަށް އެރިއެވެ. އޭނާ ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ކެތްކޮށްލި ނަމަވެސް ފަޅައިގެންދިޔައެވެ.
"އެ މަންޖެއަށް ހިތްދަތި ދުވަސްތައް ބަރުދާސްތު ނުކުރެވުނީ. ހިތާމައިގެ މައްޗަށް ހިތާމަތައް ތަޙައްމަލް ކުރަމުންގޮސް އަޅާލާނެ މީހަކުނެތި އުޅެން ޖެހުމުން ވިސްނުންތަކާ ފިކުތުރަކުގެ ބައިވެރިއަކަށް ވީ. އެހުރިހާކަމެއްގެ ޝިކާރައަކަށް ވެގެން ދިޔައީ އެކުށެއްނެތް މަޢުސޫމް ފުރާނަ" ޙައްވަ ވާހަކަދެއްކިއެވެ.
އެތަނުގައި އިތުރަށް މަޑުނުކޮށް މާހިލް ގޮވައިގެން ބުރުހާނުއްދީން ހިނގައިގަތެވެ. އޭރުވެސް މާހިލްއަށް ރޮވެމުން ދިޔައެވެ. އަޒްކާ އާ މެދު ކަންތައް ކުރެވިފައިވާ ގޮތުން މާބޮޑަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
މީކާ ބަލިވެ އުޅުމުން ބަދިގޭ ހުރިހާ މަސައްކަތަކާ އިނާޝާ ހަވާލުވިއެވެ. ނައިޝީ ގޭގައި ހުންނާތީ ނާހިދް އުޅެނީ ފިހާރައިގައި ހުންނަ އެޕާޓްމަންޓުގައެވެ. ނާހިދް ބޭނުންވީ އިއްދައިގެ ދުވަސްތައް ހަމަވަންދެން އޭނާގެ ހިޔާވަހިކަމުގެ ދަށުގައި ނައިޝީ ހުންނާށެވެ. ގޭގައި ހުއްޓަސް އެއްގޮތަކަށްވެސް ނައިޝީ ތިރިއަށް ނުފައިބައެވެ. އިނާޝާ ކައްކަނީ ނައިޝީ އާ އެކުގައެވެ. އެހެންނަމަވެސް ނައިޝީ ނުކައެވެ. އެކަން އިނގެނީ ކައްކާ އެއްޗެހި އިސްރާފުކުރަން ޖެހުމުންނެވެ.
އާދައިގެ މަތިން ނާހިދްގެ ރޭގަނޑުގެ ކެއުން ޕެކްކޮށްގެން އިނާޝާ ގެއިން ނިކުންނަން އުޅުނު ވަގުތެވެ. ބަދިގެއިން މީކާގެ އަޑު އިވެއެވެ. އިނާޝާ ލައިގެން ހުރި ހެދުމުގެ އަތުކުރީ ގޮށް އަޅުވަމުން ނިކުންނަން ދިޔަ ވަގުތު ވަދެގެން އައި މޯހަންދާސް ފެނުނެވެ. އޭނާގެ ފަހަތުން އައި ނޫރުޒާދާ ފެނުމުން އިނާޝާ ހުއްޓުން އެރިއެވެ. އެކުވެރިޔާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟
"ކޮބާ މަގޭ ދަރި؟ ހެޔޮވާނެތަ އެކުއްޖާފުޅަށް އެހެން ހަދަން" ނޫރުޒާދާ ގޮވަމުން އައެވެ.
ކުއްލިއަކަށް އިނާޝާއަށް ފެނުނީ ސިޑިން ފައިބައިގެން ދުވެފައި އައި ނައިޝީ ގޮސް ނޫރުޒާދާގެ ހަށިގަނޑުގައި އޮޅުލައިގަތް މަންޒަރެވެ.
"އަހަރެން މިދަރިފުޅު ބޮޑުކުރީ ކިހިނެއް؟ މިދަރިފުޅަށް ކަރުނައަކީ ކޯޗެއްކަމެއް ނޭނގޭނެ. ދުވަހަކުވެސް ހިތުގައިޖެހޭ އެއްޗެއް ނުބުނަން. ވަރިކޮށްލިއިރު އަޅެ އެއްޗެކޭ ހިތަށް ނާރަނީތަ؟" ނޫރުޒާދާ ހަޅޭއްލަވަމުން ދިޔައެވެ. ރައްދުގައި އިނާޝާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާ ބޭނުންހާ އެއްޗެއް އޭނާއަށް ނުކިޔޭނެއެވެ.
"ރުޅިމަޑުކުރޭ... އަހަރެމެންގެ ދަރިފުޅަކީ އެހާ ޒިންމާދާރުކަން ކުޑަ މީހެއް ނޫން. އެންމެފަހަރަކުވެސް އަނެއް ފަރާތުން ދެކެވޭ ވާހަކަ އަޑުއަހާބަލަ" މޯހަންދާސް ބުނެލިއެވެ.
"ކޯޗެއް އަހަރެން އަޑުއަހަންވީ؟ ނާހިދް އަންހެނަކާ ހިތާވެގެންއުޅޭ ވާހަކަތަ؟" ނޫރުޒާދާ ބުނެލިއެވެ. އޭރުވެސް އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން ހުރެ ނައިޝީ ރޮމުން ދިޔައެވެ.
"ވަރަށް ތާހިރެއްނު. އަމިއްލަ ދަރި ފިރިހެނަކާއެކު ހުއްޓާ ފެނުނީ އިނާއަށް. އޭނަ ގެއަށް އައުމުން ކައިރީގައި ބައިންދައިގެން ނަޞޭޙަތްވެސްދިން. އަހަރެމެންގެ ދެމަފިރިންވެސް ނާހިދަށް އެކަން ނާންގަން. އެކަމަކު މާގިނަ ދުވަހެއް ނުވެ ނާހިދަށް ހުރިހާކަމެއް ފަޅާއަރައިފި. ފިރިހެނަކަށް ގުޅައިގެން ދެފަރާތުން ޤުރުޢާން ކިޔަވަންތިއްބާ ނާހިދަށް ފެނި އަޑުއިވުނީ.... އަހާބަލަ މި ދޮގެއްތޯ...؟؟" މިއިން ދުވަހަކުވެސް ރުޅި ނާންނަވަރަށް މޯހަންދާސް ކައިރިއަށް ރުޅިއައެވެ.
"ނާހިދް އޭނަ ވަރިކުރިޔަސް އަހަރެމެން އޭނައަށް މިގެއިން ޖާގަދިނިން. އެއީ އޭނަ މާލެ ތެރެއަށް ގިނަވާން ބޭނުންނުވާތީ. އޭނާ ބޭނުންވެއްޖެނަމަ އަދިވެސް ހުރެވޭނެ. އެކަމަކު އިއްދައިގެ މުއްދަތު ހަމަވަންދެން" މޯހަންދާސް ވާހަކަދެއްކިއެވެ.
"އަހަރެމެންނަކީ ވަންނާނެ ތަނެއް ނެތިގެން އުޅޭ ބައެއްނޫން. އަހަރެންގެ ދަރި ދެން ކަލޭމެންނާ ވައިވެސް ނޭޅޭނެ" ނޫރުޒާދާ ނައިޝީ އަތުލަފިކޮށްލައިގެން ހިނގައިގަތެވެ. އިނާޝާ ބޮލުގައި އަތް އަޅާލައިގެން ސޯފާގައި އިށީންއިރު އެގޮތަށް ކަންތައް ވާނެކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ދަރިއަކަށް ދެރަގޮތެއްވާން އެއްވެސް މަޔަކު ބޭނުންނުވާނެކަން އޭނާއަށް އިނގެއެވެ. އެކަމަކު ދަރިންނަށް އިތުބާރުކުރުމުގައި ޙައްދެއް އޮންނަންވާނެ ނޫން ހެއްޔެވެ؟
ކާއެއްޗެހި ހިފައިގެން ދިޔުމުގެ ބޭނުމެއްނެތްކަން އިނގުމުން މޯހަންދާސް ނާހިދަށް ގުޅިއެވެ. ނައިޝީ ގޮވައިގެން ނޫރުޒާދާ ދިޔަ ކަމަށް ބުނެ އެއްޗެހި ހިފައިގެން ގެއަށް ބަދަލުވުމަށް ބުނެލިއެވެ. އެއަށްފަހު އޭނާ އިނާޝާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.
ބެލް އަޅާލި އަޑު އިވުމާއެކު މީކާ ދޮރު ހުޅުވިއެވެ. ވަގުތަކީ ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތަށް ވުމުން ހުރިހާ މީހުން މޭޒު ކައިރީގައި ތިއްބެވެ. ދޮރުމަތީގައި ހުރި އަޒްކާ ފެނުމުން ހިތްހަމަޖެހުނު ވަރުން މީކާއަށް އެނަން ކިޔާލެވުނީ ތަންކޮޅެއް ބާރަށެވެ. މޭޒުކައިރީގައި އިން ނާހިދް ފަހަތް ބަލައިލިއެވެ. ޑީޕްރޯސް ކުލައިގެ ޓީޝާޓް ފޮތީގެ އަތްދިގު ކުރުތާގައި ކުރިއަށް ހިނގާފައި އައި އަޒްކާ އެންމެންނަށް ހިނިތުންވުމެއް ދިނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު މަތިން ފަށައިގެން ހަތަރުފަށަށް ގަތާލާފައި ވާއިރު ތަފާތު ރީތިކަމެއް ހުއްޓެވެ. ތުންފަތުގައި އެއްވެސް ކުލައެއް ޖައްސާފައި ނެތަސް ގުދުރަތީ ކުލައިގައިވެސް އައިބުކަމެއް ނެތެވެ. ތިރިން ލައިގެން ހުރި އައިސް ބްލޫ ކުލައިގެ ޖީންސް ހުރީ ކަށިމައްޗާ ހަމައަށެވެ.
"ދަރިފުޅު... އަނެއްކާ ކަމެއްވީތަ...؟" އަޒްކާ ފެނުމާއެކު އިނާޝާ އަހައިލިއެވެ.
"އެއީ އަޅުގަނޑު ބުނެގެން" އަޒްކާ އެއްޗެއް ބުނުމުގެ ކުރިން ނާހިދް ބުނެލިއެވެ.
އިނާޝާ އަޒްކާއަށް ކެއުމަށް ދަޢުވަތު ދިނެވެ. އޭނާއަށް އިންކާރުކުރަން ނުކެރިގެން ކުޑަގޮތެއް ހެދިއެވެ. މޯހަންދާސްއާއި އިނާޝާ ކައިނިމިގެން ސިޓިގްރޫމު ސޯފާގައި ހަމަޖެހިލުމުން އަޒްކާ ގޮވައިގެން ނާހިދް ނިކުތީ ބޭރު ބަގީޗާއަށެވެ. މައިންބަފައިން ކުރިމަތީގައި އަޒްކާ ގޮވައިގެން ކޮޓަރިއަށް ވަންނަން އޭނާއަށް ނުކެރުނެވެ. އެގޮތް އަޒްކާވެސް ބޭނުންނުވާނެކަން އޭނާއަށް އިނގެއެވެ.
"ނައިޝީ މިގޭގަތަ އުޅެނީ" ބަގީޗާއާއި އިންވެގެން ހުންނަ އުނދޯލިގެއަށް ވަދެ އިށީންނަމުން އަޒްކާ އަހައިލިއެވެ.
"ހިނގައްޖެ. ބިރުންތަ ތިއަހާލީ" ނާހިދް އަހައިލިއެވެ.
"ނޫން..." އަޒްކާ ބުނެލިއެވެ.
"އަސްލު ކީއްކުރަންވެގެން އަންނަން ބުނީ؟" އަޒްކާ އަހައިލިއެވެ.
"އަޒް ކޮންއިރަކުން އަހަރެންނާ މެރީކުރާނީ..." ނާހިދް ބުނެލިއެވެ.
އަޒްކާ ސިހިފައި ނާހިދަށް ބަލައިލިއެވެ. ނާހިދް އިނީ ސީރިޔަސް ނަޒަރަކުން އަޒްކާއަށް ބަލަހައްޓައިގެންނެވެ.
"އަ...އަހަރެން...." އަޒްކާ އެއްޗެއް ބުނަން އުޅުނެވެ.
"ކިހިނެއްވީ...؟ އެއީ ނުވާނެކަމެއްތަ؟" ނާހިދް އަހައިލިއެވެ.
"ނޫން... އެހެންވެއެއްނޫން" އަޒްކާ ބުނެލިއެވެ.
"ދެން؟ އިނގޭ އަޒްގެ ފިރިއެއް ނުހުންނަކަން. ލިބުނު ދަރިފުޅުވެސް ދުނިޔޭގައި ނެތްކަން" ނާހިދް ބުނެލިއެވެ. އަޒްކާއަށް ލިބުނީ އިތުރު ޚައިރާންކަމެކެވެ.
"ދެން ކޯޗެއް އިނގުނީ އަހަރެންނާ ބެހޭގޮތުން" އަޒްކާ އަހައިލިއެވެ.
"އަދިވެސް އިނގެންޖެހޭ ވަރަށް މުހިންމުކަމެއް އެބައޮތްތަ؟" ނާހިދް އަހައިލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.
"އެހެންވިއްޔާ އަޒް ކިޔައިދޭންވީނުން. ކީއްވެތަ އަޒް ނުބުނަން ތިއުޅެނީ" ނާހިދް އަހައިލިއެވެ.
"ނުކެރޭނެ. އޭރުން ނޭނގެ ނާހިދަށްވާނެ ގޮތެއް ބުނަންވެސް... އަހަރެން ވަރަށް ޖެހިލުންވޭ..." އަޒްކާ ބުނެލިއެވެ.
"ނެވަރ މައިންޑް. ދެ ދުވަސް ދީ. އަހަރެން ހުރިހާ އެއްޗެއް ހޯދާނަން..." ނާހިދް ހީލަމުން ބުނެލިއެވެ.
އަޒްކާ ވިސްނުމަކަށް ގެއްލުނެވެ. ނާހިދަށް ހުރިހާކަމެއް އިނގޭހިނދު އޭނާ ކަންތައްކުރާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ލޯބިވިޔަސް ޔަގީނުންވެސް ފޫހިވުމަކީ ގާތްކަމެކެވެ. ވާނެގޮތެއް ބުނަން ނޭނގެއެވެ.
"ހޭއި.. ކޮންވިސްނުމެއްގަ؟" އަޒްކާގެ ދެލޯ ކުރިމަތީގައި އަތްތިލަ ހިންގައިލަމުން ބުނެލިއެވެ. އަޒްކާ ބަލައިލިއެވެ.
"ގެއަށް ދާންވީ ދޯ ދެން" އަޒްކާ ބުނެލިއެވެ.
"ހިނގާ... އަހަރެން އަޒް ގެއަށް ލައިދޭނަން" ނާހިދް ބުނެލިއެވެ. އަޒްކާ އެއްޗެއް ނުބުނެ ހިނގައިގަތެވެ. ނާހިދް ފަހަތުގައި ހުރެ ހިނގަމުން ދިޔައިރު އޭނާ ހުރީ ހެވިފައެވެ. އޭނާގެ ސައިކަލް ފަހަތަށް އަޒްކާ އެ އަރަނީ ހާދަ ދުވަހެއް ފަހުންނެވެ.
ގެއާ ހަމައަށް އާދެވުމުން ސައިކަލް ޕާކުކޮށްލާފައި އަޒްކާގެ ފަހަތުން ނާހިދް ގެއަށް ވަނެވެ. އަޒްކާ ބަލައިލުމުން ހީލިއެވެ.
"ކޮޓަރިއަށްވެސް ވައްދައިދީފަަތަ ދާނީ؟" އަޒްކާ އަހައިލުމުން ނާހިދް ބޯޖަހައިލިއެވެ.
"އޯލްރައިޓް. މަންމަމެން ތިބޭނެ ސިޓިންގރޫމުގަ... ކެރެންޏާ އާދޭ" އަޒްކާ ބުނެލިއެވެ. ނާހިދް ދެރަނުވިއެވެ. އޭނާ އަޒްކާއާ އެކު ލިފްޓަށް އެރިއެވެ.
އެޕާޓްމްންޓްގެ ދޮރާ ހަމަވެފައި ނާހިދް މަޑުޖެހުނެވެ. އަޒްކާ ބަލައިލިއިރު ނާހިދް ހުރީ ހުއްޓިގެންނެވެ. އޭނާއަށް އެތެރެއަށް ވަންނަން ނުކެރުނެވެ.
"މިފަހަރު ނޫނަސް އެހެން ފަހަރަކުން ވަންނާނަން... " އަޒްކާ ކައިރިއަށް ހިނިއައެވެ. މާކުރިންވެސް ނާހިދަށް އެތެރެއަށް ވަންނަން ނުކެރޭނެކަން އޭނާއަށް އިނގެއެވެ.
"މަޑުކޮށްބަލަ. ދެން ފެންނާނީ ކޮންއިރަކުން؟ އަޒް އޮފީހަށް ގެންގޮސްދޭން އަހަރެން އަންނަންތަ؟ ޕްލީޒް ނޫނެކޭ ނުބުނާތި..." އަޒްކާގެ އަތުގައި ހިފައިލަމުން ނާހިދް ބުނެލިއެވެ. ނާހިދް އެހާ ލޯބިން ބުނުމުން އަޒްކާ ބޯޖަހައިލިއެވެ.
"ތެންކްސް... އައި ލަވް ޔޫ....." ނާހިދް އަޒްކާގެ މޫނާ މޫނު ގާތްކޮށްލިއެވެ. އަޒްކާ ދެފަރާތް ބަލައިލިރު ދޮރުމަތީގައި މާބޮޑު އަލިކަމެއް ނެތެވެ. އެކަމަކު އަނދިރިއެއްވެސް ނޫނެވެ. އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. ނާހިދްގެ މޫނު ދާދި ގާތްވި ހިނދު އަޒްކާއަށް ދެއަތްތިލައަށް ފިތާލެވުނެވެ. އޭނާ ފިނިވިއެވެ. ނާހިދްގެ ތުންފަތް އޭނާގެ ތުންފަތާ ދާދި ގާތްވެފައި ވަނިކޮށް ނާހިދްގެ ތުންފަތްމަތީގައި އޭނާ އަތް އެޅިއެވެ. އެއަށްފަހު އަޒްކާ ތުންފަތް ޖައްސައިލީ އޭނާގެ އަމިއްލަ އަތްތިލައިގައެވެ. ދެމީހުންގެ ދެ ތުންފަތް ދޭތެރޭގައި ހުރަހަކަށް ހުރީ އަޒްކާގެ އަތް ތިލައެވެ.
"ނޮޓް ފެއަރ...؟" ނާހިދް ބުނެލިއެވެ.
"މިވަރުން ޖެހޭނީ ފުއްދާލަން. އެހިސާބަށް އަންނަން އަދި ޓިކެޓެއްނުދެން.... ގުޑްނައިޓް..." އަޒްކާ ބެލް އަޅައިލިއެވެ. ނާހިދް ހީލިއެވެ. އަޒްކާ އެތެރެއަށް ވަނުމުން އޭނާ ހިނގައިގަތެވެ.
ބުރުހާނުއްދީނާއެކު ކާރުން ފޭބި މާހިލް ކުރިމަތީގައި ހުރި އިމާރާތަށް ބަލައިލިއެވެ. އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެއީ ނާހިދްގެ ގެއެވެ. އެގެއަށް ބުރުހާނުއްދީން އައީ ކީއްވެގެން ހެއްޔެވެ؟ އެގެއަށް ވަނިއްޔާ އޭނާ ޖެހޭނީ ނައިޝީ އާ ކުރިމަތިލާށެވެ.
"ބައްޕަ މިގެއަށް ކީއްކުރަން؟" ބުރުހާނުއްދީނާ އެއްވަރަށް ހިނގަމުން ދިޔަ މާހިލް އަހައިލިއެވެ.
"މިގޭގަ ބައްޕަގެ ދަރިފުޅު އުޅެނީ. މިއީ އެސޮރާ ބައްދަލުކުރާ އެންމެފަހު ފަހަރަށްވެސް ވެދާނެއްނު" ބުރުހާނުއްދީން ބުނެލިއެވެ. މާހިލްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ބައްޕަ އެބުނާ ދަރިއަކީ ނާހިދް ހެއްޔެވެ؟ އެހެންވިއްޔާ މިއީ ހާދަ ބޮޑު އިއްތިފާގެކެވެ. އޭނާގެ ހަފަރާތުން އެވަނީ ލަދުވެތިކަން ވަށާލަފައެވެ. ނާހިދްގެ ދިރިއުޅުން ހަލާކޮށްލެވުނީ އޭނައަށެވެ.
"ބައްޕަ އަންނަންދެން މަޑުކޮށްލާނަން މިތާ" މާހިލް ވަންނަން ބޭނުންނުވިއެވެ.
"ނޫނޭ. ތިއީ ރަނގަޅުގޮތެއްނޫން. މިއަދު ތި ދެކުދިން އެކަކު އަނެކަކަށް ތަޢާރަފްކޮށްދެން ބައްޕަ ބޭނުން" ބުރުހާނުއްދީން ބުނެލިއެވެ.
"ބައްޕާ! ނުކެރޭނެ. އަޒްކާ އުޅުނު ގެއަކީވެސް ތިއީ. އަދި ނައިޝީ ވެސް" މާހިލް ބުނެލިއެވެ.
"ދެން ކޮބާ މައްސަލައަކީ...؟" ބުރުހާނުއްދީން އެނބުރިލާފައި އަހައިލިއެވެ.
(ނުނިމޭ)