ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ޖުމުހޫރީ ދުވަހާ ގުޅުވައިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ޑރ ޖަމީލު ވަނީ ޖުމްހޫރީ ދުވަސް މިއަދު ފާހަގަ ކުރާއިރުވެސް ތަހުޒީބީ މުޖުތަމައެއް އަދިވެސް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.
"މިއަދުވެސް ވެރިން އިންސާފަށް ހުރަސް އަޅައި، ކޮރަޕްޝަނުން ރައްޔިތުންގެ މުއްސަނދިކަން ލޫޓުވައި އަދި ބޮޑުން ބޮޑާވެ ނިކަމެތިންގެ މައްޗަށް ބާރު ދައްކާލަނީ. ތަހުޒީބު މުޖުތަމައެއް އަދިވެސް ނުލިބޭ" ޑރ. ޖަމީލުގެ ޓުވީޓުގައި ވެއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ނިމި، ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން ޑރ. ޖަމީލު ގެންދަވަނީ އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ.
ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލެއްވި މައްސަލައިގައެވެ.
ހައިލަމްގެ މި އަމަލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީންވެސް ކުށްވެރިކޮށްފައެވެ.