ވިލި މުއައްސަސާ ކަޕް

ކްލަބު އެމްޓީސީސީ އަތުން މޮޅެއް ހޯދައި، މޯލްޑިވް ގޭހުން ސެމީގެ އުންމީދު އާކޮށްފި

1

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި 2017ގެ ޗެމްޕިއަން މޯލްޑިވް ގޭހުން އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީ ބަލިކޮށް، ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ކްލަބު އެމްޓީސީސީ އަތުން މޯލްޑިވް ގޭސް މޮޅުވީ 8-5ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީ ޓްރާންސްޕޯޓް ސާވިސް ޑިޕާޓްމަންޓް ސެކްޝަންގެ މެނޭޖަރު އަލީ ފާތިހުއެވެ.

އެ މެޗުގައި މޯލްޑިވްސް ގޭހުން ކާމިޔާބުކުރި އަށް ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާޒް އާއި މޫސާ ޔާމީން އަދި މުހައްމަދު ހުޝާމްއެވެ.

އެ މެޗުގައި ކްލަބު އެމްޓީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ނަޒީހާއި އަހްމަދު ރިޒުނީ އާއި މުހައްމަދު އަހުސަން އަދި ހުސައިން އާފާގެވެ. އެޓީމުގެ އަނެއް ލަނޑަކީ މޯލްޑިވް ގޭހުގެ ހަސަން އަލިމަނިކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ފަސް ލަނޑު ކާމިޔާބުކުރި މޯލްޑިވް ގޭހުގެ އައްމަޑޭއެވެ.

މިވަގުތު "ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ކްލަބު ވެމްކޯއެވެ. ވެމްކޯއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ކުޅުނު ދެ މެޗުން މޯލްޑިވް ގޭހަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ކްލަބު އެމްޓީސީސީ އާއި ސްޓެލްކޯއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ދެ ޓީމު ވެސް މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ.

އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ރޭ 8:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްއާރުސީސީ އާއި ވިލިޖޯލި ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު އެމްޓީސީސީ އާއި ސްޓެލްކޯއެވެ.

މިއަހަރުގެ މުބާރާތުގެ "ގްރޫޕު އޮފް ޑެތު"ގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު ބީ" އެވެ. އެ ގްރޫޕުގައި ހިމެނެނީ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީގެ އިތުރުން ވެމްކޯ އަދި ސްޓެލްކޯއެވެ. އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ހިމެނެނީ ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ވިލިޖޯލި އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، ކޯސްޓްގާޑެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.