Close
ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް 39 ބޭފުޅަކަށް ދެއްވައިފި

މަރިޔަމް ޝަހުދާ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 39 ބޭފުޅަކަށް ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ޝަރަފުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި 39 ބޭފުޅަކަށް ހާއްސަ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އެގޮތުން އެބޭފުޅުންނަށް ރައީސް މެޑަލް އަދި ހަނދާނީ ފިލާ ދެއްވިއެވެ.

ރޭގެ ޖަލްސާގައި ހާއްސަ އިނާމް ދެއްވާފައިވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅެއްގެ އިތުރުން، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނާއި ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނަށެވެ. މީގެ ތެރޭ ދެ ގައުމީ ކުޅިވަރު ޓީމެއް ހިމެނެއެވެ. އެއީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ރަންމެޑަލް ހާސިލް ކުރި ޓީމާއި މިއަހަރު އައިއޯއައިޖީގައި ރަން މެޑަލް ހާސިލް ކުރި ޓޭބަލް ޓެނިސް ޓީމެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން ރައީސް ދެއްވާ އިނާމު ހާސިލްކުރެއްވި 32 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅެއް، މާސްޓާޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުން އަދި ބެޗްލާޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުންނެވެ. ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިގެން ހާއްސަ އިނާމް ލިބިލައްވާފައިވަނީ ރ.ހުޅުދުއްފާރު، އޯކިޑްވިލާ، ޑރ.ޔޫސުފް ނިޒާމެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ހަތް ބޭފުޅަކަށް ރައީސް ސޯލިހު އިނާމު ދެއްވާފައިވެއެވެ. އަދި 16 ބޭފުޅަކަށް ކީރިތި ގުރްއާން ހިތުދަސް ކުރައްވުމުން ރައީސް ދެއްވާ މެޑެލް ދީފައިވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސް ދެއްވާ މެޑެލް 11 ދަރިވަރަކު ހާސިލްކޮށް މި ޖަލްސާގައި އެދަރިވަރުންނަށް މެޑަލް ދީފައިވެއެވެ. އަދި މިދިޔަ އަހަރު ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސް ދެއްވާ ރަން މެޑަލް ލިބުނު ހަ ދަރިވަރަކަށް ރޭގެ ޖަލްސާގައި ރައީސް މެޑަލް ހަވާލުކޮށްދެއްވިއެވެ.

މިބޭފުޅުންގެ އިތުރުން ރޭގެ ޖަލްސާގައި ޖުމްލަ 13 ސްކައުޓަކަށް ރައީސް މެޑަލް ހަވާލުކޮށްދެއްވިއެވެ. އެއީ ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ލިބިލެއްވި ދެ ސްކައުޓުންނާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރެއްވި ފަސް ސްކައުޓުން އަދި ބޭޑަން ޕަވަލް ބެޖް ހާސިލުކުރެއްވި ހަ ސްކައުޓުންނެވެ.