އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސިޓީ އަތުން ލިވަޕޫލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލުން އަށް ޕޮއިންޓުގެ ލީޑެއް ހޯދި އިރު، ސިޓީ ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.

އެ މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ ހަވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސިޓީ ގޯލުގެ ތިރީ ކަނަކަށެވެ.

އެ ލަނޑަށްފަހު ސިޓީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ސިޓީގެ ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއެރޯއަށް ލިބުނު އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ސިޓީން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، މެޗުގެ 13 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަންދްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ސިޓީއަށް ފަރަގު ކުޑަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯގެ ހުރަހަކަށްވީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއް ހޯދުމަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެލެކްސެންޑާ އާނޯލްޑް ދިން ބޯޅައަކުން ލިވަޕޫލުގެ ބްރެޒިލް ފޯވަޑް ފާމީނޯ ފޮނުވާލި ހަމަލާ، ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ނަގައިދިން ހުރަހަކުން އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި ލަނޑުޖަހާނެ ފުރުސަތުތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ސިޓީއަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗުގެ 78 ވަނަ މިނެޓުގެ ތެރޭގައެވެ. ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 12 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީއާއި ތިންވަނައިގައި އޮތް ޗެލްސީ، އެއިން ކޮންމެ ޓީމަކަށް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ލެސްޓާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ތާވަލުގެ ހަތަރުވަނައަށް ވެއްޓުނު ސިޓީއަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.