ހަގީގީ ޖުމްހޫރީވެރިކަމެއް ދެމި އޮންނާނީ ރައްޔިތުންގެ ކުލުނާއި ލޯބި އެ ވެރިކަމަކަށް އޮތްހާ ހިނދަކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ވެރިންގެ ފަރާތުން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ހައްގުތަކަކާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކެއްވާ ފަދައިން ރައްޔިތުންގެ މައްޗަށް ވެސް ވެރިންނަށްޓަކާ އަދާކުރަންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާ ކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ވެރިކަމެއްގެ މިލްކުވެރިންނަކީ ރައްޔިތުން ކަމަށާއި އަދި އެއީ ރައްޔިތުންގެ ތެރެއިން ފެށިގެން އަންނަ ވެރިކަމަކަށް ވާހިނދު ވެރިކަމުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ބައެއް ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނަށްޓަކާ، ރައްޔިތުންގެ ތެރެއިން ފެށިގެން އަންނަ، ރައްޔިތުން ހިންގާ ވެރިކަމެއް. ޖުމްހޫރީ ވެރިކަމެއްގެ މިލްކުވެރިންނަކީ ރައްޔިތުން. ޖުމްހޫރީ ވެރިކަމެއްގެ ލާބަޔާއި މަންފާ އާއި ހިއްސާ ލިބެންޖެހޭނީ ވެސް ހަމަ ރައްޔިތުންނަށް،'' މިނިސްޓަރު ވިދާޅުވިއެވެ.
އަމިއްލަ މަސްލަހަތައްވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް އިލްތިމާސްކޮށް އިމްރާން އިތުރަށް ވިދާޅުވީ، ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާމެދު މިއަދު ވާހަކަ ދެކެވޭއިރު މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ވާހަކަ މާދަމާ ދެކެވޭނެ ކަމަށް ބަލައިގެން، ރައްޔިތުންގެ ލޯތްބާއި ރުހުން ލިބޭ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
''ތިމާގެ އަމިއްލަ މަސްލަހަތާއި މަންފާއަށްވުރެ، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު އިސްނުކުރެވޭނަމަ އަޅުގަނޑުމެންގެ މުސްތަގުބަލު އުޖާލާ ކުރުމުގައި ދަތިކަމާއި ހުރަސްތައް ކުރިމަތިވެގެންދާނެ. އިއްޔެ ގައުމު ހިންގަވަން ތިއްބެވި ބޭފުޅުންނާމެދު މިއަދު ވާހަކަ ދެކެވެމުންދާހިނދު، މިއަދު ގައުމު ހިންގަވަން ތިއްބެވި ބޭފުޅުންނާމެދު މާދަމާ ވާހަކަ ދެކެވޭނެކަން ހަނދުމަ ބަހައްޓައިގެން ރައްޔިތުންގެ ލޯތްބާއި އިހުރިރާމު ލިބޭ ގޮތަށް ޖުމްހޫރީ ވެރިކަން ބައްޓަން ކުރުމަކީ މިއަދު އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް،'' މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެއިން ބައިނަލްއަގްވާމީ ގައުމުތަކާއި އެއް ހަަމައެއްގައި ފައިތިލަ ސާބިތު ނުކުރެވުމުގެ ފަހަތުގައި ސިއްރުތަކެއް އޮންނާނެ ކަމަށައި އެކަން ދިރާސާކޮށް، އެހެން ހިނގަމުން އަންނަ ސަބަބު ދެނެގަނެ، ރާއްޖޭގެ ކުރިއެރުން ބައިނަލްއަގްވާމީ ގައުމުތަކާއި ހަމައަށް ގެނައުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން މުޖުތަމައުގެ މަސްލަހަތާއި ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމާއި ކުރިމަތިލުމަކީ ޖުމްހޫރީ ވެރިކަމެއްގެ އަސާސްތައް ސާބިތުވެ، ތަނބުތައް ވަރުގަދަވުމުގެ އިތުރުން އަލުން ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ކުރިމަތިލާންޖެހޭ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، ރާއްޖޭގެ ޖުމްހޫރިއްޔަތުގެ އަމާންކަމަށް އެކި ދިމަދިމާއިން އަންނަ ހަމަލާތަކުން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރާއި ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.