ޚަބަރު

ޑރ. އަފްރާޝީމާއި ރައުދާގެ މަރުގެ ފައިނަލް ރިޕޯޓު މިހަފްތާގައި އިދާރާތަކަށް ފޮނުވާނަން: ރައީސް

އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އާއި ބަނގުލަދޭޝްގައި ކިޔަވަން ހުއްޓާ ދަންޖެހިގެން މަރުވި ކަމަށް ބުނާ ރައުދާ އާތިފުގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓު، އަންނަ ހަފުތާގެ ތެރޭގައި ކަމާބެހޭ އިދާރާތަކަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި 51 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ އާއިލާތަކަށް އިންސާފު ހޯދައިދިނުން ކަމަށެވެ.

އެގޮތުން މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓާއި ރައުދާ އާތިފުގެ މަރުގެ ފައިނަލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ.

"އެ ދެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ރިޕޯޓުގެ މައުލޫމާތު ވެސް ހާމަކުރާނަން،" ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ، އުމުރުން 21 އަހަރުގެ ރައުދާގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. އެކޮޓަރީގައި ހުރި ފަންކާއެއްގައި ޝޯލެއް ބޭނުންކޮށްގެން ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލަ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުންވެސް ތަހުގީގު ކުރިއެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝްގެ ސަރުކާރުން އެންމެ ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް، އެކަން ގަބޫލު ނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އޭނާގެ ބައްޕަ މުހައްމަދު އާތިފު އެދުނެވެ.

ރައުދާގެ ބައްޕަގެ އެދުމަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ މަރުގެ ތަހުގީގު އަލުން ފަށައި، ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސީއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލައިގެ ރިޕޯޓް ބަންގްލަދޭޝް ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހާމަކުރިއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރައުދާ އެކަން ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލައެވެ. އަދި އެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ.

އެގޮތުން އެ މައްސަލައިގެ ފައިނަލް ރިޕޯޓް ރައީސަށް ފޮނުވުމުގެ ކުރިން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ ޑރ. އަފްރަޝީމް އަވަހާރަކޮށްލިއިރު އޭރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ އަބްދުﷲ ރިޔާޒު ކޮމިޝަނަށް ހާޒިރުކޮށް، މައުލޫމާތު ހޯދައިފައެވެ.

އެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކޮމިޝަނުން އަދި އާންމު ނުކުރި ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންގެ ތަފުސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.