އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ބަންގުލަދޭޝް އަތުން ވެސް ރާއްޖެއަށް މޮޅެއް، ރާއްޖެ ފައިނަލަށް ދިއުމުގެ ބޮޑު އުންމީދެއް

އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ބަންގުލަދޭޝް އަތުން ވެސް ރާއްޖެ މޮޅުވެއްޖެއެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު މޮޅު ކުޅުމަކާއެކު ރާއްޖެއިން ކާމިޔާބުކުރީ 25-16 އިންނެވެ. ދެވަނަ ސެޓުގައި ރާއްޖެ އަދި ބަންގުލަދޭޝްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓުގެ ފަހުކޮޅާ ހަމައަށް ބަންގުލަދޭޝް ކުރީގައި އޮތް ނަމަވެސް، ރާއްޖެއިން ވަނީ ފަހަތުން އަރައި އެ ސެޓު ގެންގޮސްފައެވެ. ރާއްޖެއިން އެ ސެޓު ގެންދިޔައީ 27-25 އިންނެވެ.

އެ މެޗުގެ ފަހު ސެޓުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. ސެޓުގެ ކުރީކޮޅު ބަންގުލަދޭޝްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ރާއްޖެއިން ވަރުގަދަ ކުޅުމެއް ދައްކައި އެ ސެޓު ގެންދިޔައީ 25-22 އިންނެވެ.

ރާއްޖެއިން ވަނީ އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ކިރްގިސްތާން އަތުން ވެސް މޮޅުވެފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

އެ މުބާރާތުގެ ދެވަނަ މެޗުގައި އިއްޔެ އަފްޣާނިސްތާން އަތުން ބަންގުލަދޭޝް ވަނީ މޮޅުވެފައެވެ. އަދި މިއަދު ކުޅުނު މެޗުގައި ނޭޕާލުން ވަނީ އަފްޣާނިސްތާން ބަލިކޮށްފައެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާ އިރު، ރާއްޖެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑެވެ.

ލީގު ބުރުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި މާދަމާ ނުކުންނަން ޖެހޭނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ލީގު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ. އެއަށްފަހު އަންނަ ބުރާސްފަތި ދުވަހު ކުޅޭ ފުރަތަމަ މެޗަކީ ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޮވުމަށް ކުޅޭ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ތިންވަނަ ލިބޭނެއެވެ.

ބުރާސްފަތި ދުވަހު ކުޅޭ ދެވަނަ މެޗަކީ ފައިނަލް މެޗެވެ. އެ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.