ޚަބަރު

ސަރުކާރުގެ 33 ކުންފުނި އޮތްއިރު ފައިދާވަނީ އެންމެ 11 ކުންފުނިން: މިނިސްޓަރު އަމީރު

އިބްރާހިމް ޒަކީ

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ގޮތުގައި 33 ކުންފުނި އޮތްއިރު އޭގެ ތެރެއިން ފައިދާވަނީ އެންމެ 11 ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަރުކާރު ކުންފުނިތަކުން ދައުލަތަށް ގެއްލުންވަމުންދާ މައްސަލައިގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ޑިވިޑެންޓު ލިބެނީ ހަމައެކަނި 11 ކުންފުނިން ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް މިނިސްޓަރު ވިދާޅެއްނުވެއެވެ.

އެ މައްސަލައިގައި މިނިސްޓަރާ ސުވާލު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އެސްޓީއޯ ކަހަލަ ބޮޑު ކުންފުންޏަކުން 55 މިލިޔަން ރުފިޔާ ޑިވިޑެންޓުގެ ގޮތުގައި ދެއްކުން ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެ ކުންފުންޏަކީ ކާޑު ދައުލަތުން ސަބްސިޑައިސްކޮށް ވަރަށް ބޮޑަށް މޮނޮޕޮލައިސް ކޮށްދީފައިވާ ކުންފުންޏެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާ ސަރުކާރުން ކުނިއުކާލުމަށް ހަރަދު ކުރުމަކީ ވެސް ވެމްކޯގެ ބޭނުން ނުކުރެވޭކަން އެނގިގެންދާ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރު ސަބްސިޑީގެ ގޮތުގައި 56 މިލިޔަން ބަޖެޓުގައި ކަނޑައަޅާފައިވާއިރު، ޕްރައިވެޓް ތިން ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ކުރުން ވެސް މާރަނގަޅު ވާނެކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

އަބްދުލްޣަފޫރު އިތުރަށް ވިދާޅުވީ، ސްޓެލްކޯއަށް ދައުލަތުން 210 މިލިޔަން ރުފިޔާ ދިނުމުން ވެސް ރައްޔިތުންނަށް ކަރަންޓުގެ އަގަށް އައި ބަދަލެއް ނެތް ކަމަށެވެ. އަދި ގްރޭޓާ މާލޭ ކުންނުންޏާއި އެޗްޑީސީން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައިނުވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެ ކުންފުނިތަކަކީ ދައުލަތުން ބިލިއަނުން އިންވެސްޓް ކޮށްފައިވާ ކުންފުނިތަކެއް ކަމަށެވެ.

އަބްދުލްޣަފޫރު މޫސާގެ އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގެންލުންވާ ދައުލަތުގެ ކުންފުނިތައް ހަމައަކަށް އަޅުވައި އެ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކެއް ކަމަށް ހެދުމަށް ބަޖެޓުގައި ރާވައިގެން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އަހަރުން އަހަރަށް ކުންފުނިތަކަށް އަންނަ ބަދަލަށް ބަލައި ސަބްސިޑީ ކުޑަކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުންފުނިތަކަށް ބަލާލާއިރު އެސްޓީއޯ، އައްއްޑޫ އިންޓަނޭޝަނަލް އެއާޕޯޓް، ސްޓެލްކޯ އަދި އެޗްޑީސީ އެއީ އަޅުގަނޑުމެން ދައުލަތުން ޒިންމާވާ ގޮތަށް ލޯނު ނެގިފައިހުރި ކުންފުނިތައް. އޭގެ ބޮޑުބައެއް ހިއްސާ ކުރަނީ އެޗްޑީސީން އެއީ ސޮވެރިން ގެރެންޓީ ދީފައި އެހެނިހެން ގޮތްގޮތުން ދައުލަތް ޒިންމާވާ ގޮތަށް ދަރަނި ނެގިފަހުރި ކުންފުނިތައް. އެހެންވީމާ ކޮންޑިންޖެންޓް ލައިބިލިޓީ ބަޖެޓަށް އެބަ ފޯލްވޭ މި ކުންފުނިތަކުގެ ތެރެއިން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ކުރެވޭ ޕަރައިވެޓް ކުންފުނިތައް ތިބިނަމަ އެފަދަ ކުންފުނިތަކަށް މަސައްކަތްތައް ދޫކޮށްލުމުގެ ވިންސުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ގެންގުޅޭނެ ކަމަށެވެ.