ޚަބަރު

އިންޑިއާގެ ބާޒާރުގައި ފިޔާގެ ސްޓޮކް މަދުވި ނަމަވެސް، ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓައެއް ނުލާނަން: އެމްބަސީ

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ބާޒާރުގައި ފިޔާގެ ސްޓޮކް މަދުވި ނަމަވެސް، އެގައުމުން ރާއްޖެއަށް ފިޔާ އެތެރެކުރުން ހުއްޓާނުލާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފިއެވެ.

އިންޑިއާގެ އެމްބަސީން އެހެން ބުނެފައިވަނީ، އެގައުމުގެ ފިޔާގެ ސްޓޮކް މަދުވެ، ބާޒާރުގައި ފިޔާގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި 100،000 ޓަނުގެ ފިޔާ އެގައުމަށް އިމްޕޯޓް ކުރަން ހަމަޖައްސާފައިވާ ކަމަށް އިންޑިއާގެ ފުޑް އެންޑް ކަސްޓަމާ އެފެއާޒް މިނިސްޓަރު ރާމް ވިލަސް ޕާސްވާން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ، ފިޔާގެ ސްޓޮކް މަދުވެގެން އިންޑިއާއަށް ފިޔާ އިމްޕޯޓު ކުރަން ޖެހުނު ނަމަވެސް އެގައުމުން ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔަލުގެ އަގު ދާދި ފަހުން ވަނީ އާދަޔާ ހިލާފަށް ބޮޑު ވެގެން ގޮސްފައެވެ. އެގޮތުން ފިޔާ ބަސްތާއެއްގެ އަގު 1000 ރުފިޔާއަށް ވެސް ވިއްކިއެވެ. އަދި ވަކިން ކިލޯއެއްގެ އަގު 70 ރުފިޔާއަށް އެރިއެވެ. ނަމަވެސް އެސްޓީއޯން ފިޔާ ގެނެސް ވިއްކަން ފެށި ފަހުން މިހާރު ފިޔަލުގެ އަގު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.