ދެކުނު ކޮރެއާގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ދެ ބޮޑީބިލްޑަރުން ދެ ލޯ މެޑަލް ހޯދައިފިއެވެ.
އެ މުބާރާތުން ލޯ މެޑަލް ހޯދާފައިވާ ރާއްޖޭގެ ދެ ބޮޑީބިލްޑަރުންނަކީ މުހައްމަދު މޫސާ އާއި އަޒްނީން ރަޝާދެވެ.
އެ މުބާރާތުގައި މުހައްމަދު މޫސާ ހޯދާފައިވަނީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީގެ ލޯ މެޑަލްއެވެ. އަދި އަޒްނީން ހޯދާފައިވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލްއެވެ. މިއީ ބޮޑީބިލްޑިންގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
މުހައްމަދު މޫސާ އާއި އަޒްނީންއަކީ މީގެ ކުރިން ސަރަހައްދީ މުބާރާތްތަކުގައި ވެސް ރާއްޖެއަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ދެ ބޮޑީބިލްޑަރުންނެވެ. މުހައްމަދު މޫސާ އާއި އަޒްނީން ވަނީ މިއަހަރު ނޭޕާލުގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގައި ރަން މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މުހައްމަދު މޫސާ ވަނީ މިއަހަރު އިންޑޮނިޝިއާގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ލޯ މެޑައްޔެއް ހޯދައިފައެވެ. އަޒްނީނަށް އޭޝިއަން ބޮޑީބިލްޑިން އެންޑް ޕިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ލިބުނީ ހަތަރުވަނައެވެ.
ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ މަހުމޫދު ޒިޔާދާއި މިއަހަރުގެ މިސްޓަ މޯލްޑިވްސް ގިޔާސް އިބްރާހިމް ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފައެވެ. މަހުމޫދު ޒިޔާދު 160 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް ބައިން ހަތަރުވަނަ ހޯދި އިރު، ގިޔާސް ވަނީ 182 ސެންޓިމީޓަރު ސްޕޯޓްސް ފިޒީކް ބައިން ހަތަރުވަނަ ހޯދައިފައެވެ.