ސްޕެނިޝް ލަލީގާ

ރެއާލް މެޑްރިޑްގެ ދާއިމީ ކޯޗަކަށް ސޮލާރީ ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ކޯޗުކަމުން ހުލެން ލޮޕެޓީގް ވަކިކޮށް، ވަގުތީގޮތުން ކުލަބުގެ ކޯޗަކަށް ހަމަޖެއްސި ކުރީގެ ކުޅުންތެރިޔާ އަދި ޔޫތު ޓީމުގެ ކޯޗު ސަންތިއާގޯ ސޮލާރީ 2021 އާއި ހަމައަށް ކުލަބުގެ ކޯޗުގެ މަޤާމުގައި ބަހައްޓަން އެއްބަސްވުން ހަދައި ސޮއިކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ސޮލާރީ ވަގުތީ ގޮތުން ރެއާލް މެޑްރިޑްއާއި ހަވާލުވީ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން އެޓީމު ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅުވެފައެވެ. މިއީ ރެއާލް މެޑްރިޑްގެ ތާރީޙުގައިވެސް އެ ކުލަބުގެ ކޯޗަކަށް ހަމަޖެއްސި މީހެއްގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ފެށުމެވެ. ސޮލާރީގެ ކޯޗު ކަމުގެ ދަށުން ރެއާލް މޮޅުވެފައިވަނީ ލީގު ކަޕުގައި މެލިއްލާ އަތުންނާއި، ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕްލްޒެން އަތުންނާއި، ސްޕެނިޝް ލީގުގައި ރެއާލް ވައްލަޑޮލިޑް އަދި ސެލްޓާ ވީގޯ އަތުންނެވެ. މި ހަތަރު މެޗުގައި ރެއާލް އިން ވަނީ 15 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.

ސްޕެނިޝް ފުޓުބޯޅައިގެ ޤަވާއިދު ބުނާގޮތުން ކުލަބެއްގައި ވަގުތީ ގޮތުން ކޯޗެއް ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ ދެ ހަފްތާއެވެ. ރެއާލް މެޑްރިޑުން މި މުއްދަތުގެ ތެރޭގައި އާ ކޯޗެއް ހޯދަން ނުވަތަ ސޮލާރީގެ މަޤާމު ދާއިމީ ކުރަން ޖެހެއެވެ. އެހެންކަމުން، ރެއާލްގެ ބޯޑުން ނިންމާފައިވަނީ ސޮލާރީ އާއެކު ދާއިމީ އެއްބަސްވުން ހަދައި ކުރިއަށް ދިއުމަށެވެ.

ސޮލާރީ ހަވާލުވި އިރު ނުވަ ވަނައިގައި އޮތް ރެއާލް މިހާރު އޮތީ ތާވަލުގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލް އާއި ދެމެދު އޮތް ފަރަޤު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ.

ސޮލާރީ ވަނީ އޭނާގެ ޒުވާން ދުވަސްވަރު ކުޅުންތެރިއެއްގެ ގޮތުގައި ރެއާލް މެޑްރިޑާއެކު ދެފަހަރު ލީގު ހޯދައި، އެއްފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ފަހުން އިޓަލީގެ އިންޓަ މިލާނަށް ބަދަލުވެ، އެ ކުލަބާއެކު ތިންފަހަރު ސެރީއޭ ވެސް ހޯދާފައިވެއެވެ.