ޚަބަރު

ޕީއެސްއައިޕީތަކަށް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ އުސޫލު އަންނަ މަހު ގެޒެޓު ކުރަނީ

ރާއްޖޭގެ އެތެރޭގެ ބަޖެޓުން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ އާންމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ އުސޫލު އަންނަ މަހު ގެޒެޓު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑާ މިނިސްޓަރަށް ކުރިމަތިކުރެއްވި ސުވާލަކީ ރާއްޖޭގެ އެތެރޭގެ އުމްރާނީ މަސައްކަތްތައް ބީލަމުގެ އުސޫލުން ބޭރުގެ ފަރާތްތަކަށް ދޭތީ އިގުތިސާދުގެ ތެރޭގައި ފައިސާ ހަރުލައްވަން ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގައި ހިންގާ ގިނަ ޕުރޮޖެކްޓުތަކަކީ ބޭރުގެ ފަންޑުން ހިންގާ ޕްރޮޖެކްޓުތައް ކަމުން ބައެއް ޕްރޮޖެކްޓުތައް ހިންގުމަށް ޝަރުތުތަކެއް ހުންނަ ކަމަށެވެ. މިސާލެއްގެ ގޮތުން އިންޑިއާގެ އެގްޒިމު ބޭންކުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކުގައި އެގައުމުގެ ކޮންޓުރެކްޓަރުން ލައްވާ މަދުވެގެން އެ ޕްރޮޖެކްޓުގެ 65 ޕަސެންޓު މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ބޭރުގެ އެހެން ޖަމިއްޔާ ޖަމާއަތްތަކުން ދޭ އެހީތަކުން ހިންގާ ޕްރޮޖެކްޓުތައް ބައިނަލްއަގްވާމީ ވާދަވެރި ބިޑިން އަކަށް ގޮސްގެން ދިނުމަށް ވެސް ޝަރުތުކުރާ ކަމަށާއި އެގޮތަށް ހެދުމުން ގިނަ ފަހަރު ބޭރުގެ ފަރާތްތަކުން އެ ބިޑުތައް ކާމިޔާބުކުރާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ބަޖެޓުގެ ތެރެއިން އާންމު ތަރައްގީގެ މަޝްރޫއުތަކަށް ދިވެހި ކުންފުނިތަކަށް އެކަނި ކުރިމަތިލެވޭ ގޮތަށް ޓެންޑަރިންގެ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ މަސައްކަތް ކުރިއަށް އޮތް މަސް ތެރޭގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައި ގެޒެޓް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"...އުސޫލުގައި މިސާލެއްގެ ގޮތުން 75 މިލިއަން ރުފިޔާއަށްވުރެ ދަށް ޕްރޮޖެކްޓެއް ވެއްޖެއްޔާ ހަމައެކަނި ދިވެހި ކުންފުނިތަކަށޭ ކުރިމަތިވެސް ލެވޭނީ. 75 މިލިއަނާ ވަކިވަރަކާ ދޭތެރެއިން ބުނެވިދާނެ މި ޕްރޮޖެކްޓުތަކަށް ވެސް ލެވިދާނެ ބޭރުގެ ފަރާތްތަކާއި ރާއްޖޭގެ ފަރާތްތަކާއި ޖޭވީ ހެދިގެން. ޑޮމެސްޓިކް ބަޖެޓުގެ ތެރެއިން ވެސް އަޅުގަނޑުމެން ބޭނުން ވެދާނެ އިންޓަނޭޝަނަލީ ކޮމްޕެޓިޓިވް ބިޑަކަށް ދާން. މިސާލަކަށް 500 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓެއްނަމަ ބިޑަށް ހުޅުވާލައިގެން ބޭރުގެ ކުންފުނިތަކަށް ވެސް ކާމިޔާބު ވުމަކީ އެދެވޭ ކަމެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ޓެންޑަރިންގެ އުސޫލަށް އަންނަ މަހު ބަދަލުތަކެއް ގެނެސް ގެޒެޓް ކުރައްވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މީޑިއާތަކަށް ބައްދަލު ކުރައްވާ ވެސް މިނިސްޓަރު ވަނީ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަން ވިދާޅުވެފައެވެ.