ޚަބަރު

އާމިރުގެ ސޯލޯ އާޓް މައުރަޒު ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

ރާއްޖޭގެ ހުނަރުވެރި އާޓިސްޓެއް ކަމަށްވާ އަހުމަދު އާމިރުގެ ސޯލޯ އާޓް އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ބައްލަވާލައްވައިފިއެވެ.

"އިމްޕަމަނަންސް"ގެ ނަމުގައި އިއްޔެ އިން ފެށިގެން އަންނަ އަންގާރަ ދުވަހަށް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ އެ މައުރަޒަށް ރައީސްގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި އެ މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ވަނީ ބައްލަވާލައްވައިފައެވެ.

ގުދުރަތުގެ ރީތިކަމާއި އުފަންރަށުގެ ރީތި މަންޒަރުތައް ފެނި ވަރަށް ކުޑައިރުން ފެށިގެން ކުރެހުމެއް ލޯބިކުރާ އާމިރުގެ ސޯލޯ އާޓް މައުރަޒުގައި ބަހައްޓާފައިވާ ހުރިހާ ކުރެހުމަކީ ވެސް ޕެލެޓް ކްނައިފަކާއި އޮއިލް ޕެއިންޓް ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުންތަކެކެވެ.

އެގޮތުން ރާއްޖޭގެ ގުރުދަރީ ރީތިކަން ދައްކުވައިދޭ 40 އޮއިލް ޕެއިންޓިން މައުރަޒުގައި ދައްކާލަން ބަހައްޓާފައިވާއިރު، މައުރަޒުގައި ބައިވެރިކޮށްފައިވާ ބައެއް އުފެއްދުންތައް ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ތިމާވެއްޓާއި ރައްޓެހި ފޮތި ކޮތަޅުގެ އިތުރުން ނޯޓު ފޮތާއި ޕެންސިލް ކޭސް އަދި ބުކްމާކު ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މައުރަޒު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެއެވެ.