އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 06

އަބްދުﷲ ފާރޫގް ހަސަން

1

(4 ނޮވެމްބަރުގެ އަދާ ގުޅޭ)

ފަތިސްވެއްޖެއެވެ. حسّان އަށް ގަދަ އަވަހާރަފުޅަކުން ހޭފުޅުލެއްވިއްޖެއެވެ. އޭނާ ތެދުވެވަޑައިގެން ކުޑަދޮރުން ބޭރު ބައްލަވަން ފައްޓަވައިފިއެވެ. ސަތޭކަ ވަރަކަށް ފިޔަވަޅު ދުރުގައި ބޯގަސްތަކެއްގެ ތެރޭގައި އެހެރީ އޭނާއާ ޖިހާންދާދާ އެތަނެއްގެ ކައިރިން އެންމެ ފުރަތަމަ ބައްދަލުވެވަޑައިގެންނެވި ވީރާނާވެފައިހުރި ޢިމާރާތެވެ.

ކާއޫސް އެކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ވަރަށް އަގުހުރި ހެދުމަކާއި ކަނޑިއަކާއި އައްޑަނައެއް حسّان ގެ ކުރިފުޅުމަތީގައި ބާއްވައިފިއެވެ. ކާއޫސް ބުންޏެވެ. "މިއީ ޖިހާންދާދުގެ ހަނދާންތަކެވެ. ސާހިބާ އެދިވަޑައިގަންނަވަނީ ކަލާ މިތަކެތި ޤަބޫލުކުރެއްވުމެވެ. އަޅުގަނޑު މިދަނީ ކަލާގެ ނާސްތާ ފަރީއްކޮޅު ބަލައެވެ. ނާސްތާ ކުރައްވައި ނިމޭއިރަށް އަސްކޮޅު ތައްޔާރު ކުރެވިދާނެއެވެ."

حسّان ވިދާޅުވިއެވެ. "ތިޔަހާ އަގުބޮޑު ހެދުމެއް އަހަރެން ބޭނުމެއް ނޫނެވެ."

"ބައްލަވާށެވެ. ކަލާ ދެކޮޅު ހައްދަވާނަމަ ސާހިބާ ވަރަށް ދެރަފުޅުވާނެއެވެ. އޭނާ އަވަހާރަފުޅުލެއްޕެވީ މިތަކެތި ކަލާއަށް އަރުވަން އަޅުގަނޑަށް އަންގަވާފައެވެ. ސާހިބާގެ ހާލުކޮޅުވެސް ރަނގަޅެއްނޫނެވެ. އަވަހާރަފުޅު ލެއްޕެވުނީވެސް ވަރަށް ލަހުންނެވެ. އަޅުގަނޑަށް އަންގަވައިފައިވަނީ ޖިހާންދާދުގެ ރަޙުމަތްތެރިޔާ މިތަކެތި ޤަބޫލުނުކުރައްވައިފިނަމަ ސާހިބާއަށް ދެންނެވުމަށެވެ. ކަލާ އަސްކޮޅު އަނބުރައި ފޮނުއްވާނެކަމެއް ނެތްކަމުގައިވެސް ވިދާޅުވިއެވެ. ދެން ހެދުންކޮޅު ބަދަލުކުރައްވާށެވެ. އަޅުގަނޑު މިހާރު މިއަންނަނީއެވެ."

"ނާސްތާ ފަރިއްކޮޅު ހުރީ ތައްޔާރަށެވެ. އަޅުގަނޑު މިހިރީ ކަލާ ހޭފުޅުލެއްވުމުގެ އިންތިޒާރުގައެވެ." މިހެން ބުނެފައި ކާއޫސް ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. حسّان ހެދުންކޮޅު ބަދަލުކުރައްވަން ފައްޓަވައިފިއެވެ.

އިރުކޮޅެއްގެ ފަހުން حسّان ފަރިއްކޮޅުން ނިމިވަޑައިގެން ތެދުވެވަޑައިގެންނެވިތަނާ ماه بانو އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ماه بانو ވިދާޅުވިއެވެ. "ބައްޕާފުޅު އަވަހާރަފުޅުލެއްޕެވީ ވަރަށް ލަހުންނެވެ. އެހެންކަމުން ބައްޕާފުޅަށް ދަންނަވާކަށް ރަނގަޅެއް ނޫނެވެ."

حسّان ވިދާޅުވިއެވެ. "ބައްޕާފުޅަށް ވިދާޅުވުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑު ވަރަށް އަވަހަށް އޭނާގެ އަރިހަށް އާދެވޭތޯ މަސައްކަތްކުރާނަމެވެ. ހިތާމަވެރި ޚަބަރު ގެންނަ މީހުންނަށް މީހުން ޢާއްމުކޮށް ހަދިޔާ ދީއެއް ނުއުޅެއެވެ. އަޅުގަނޑަށް ގެއަށް ދިއުމަށްޓަކައި މިކަހަލަ އަގުބޮޑު ހެދުމެއް ބޭނުމެއް ނޫނެވެ. ކަލާއަށް ޝުކުރު އަދާކުރާއިރު ފަށްފަށުން އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުގެ ބަދަލުގައި ކަލާގެ ކުރިފުޅުމަތީގައި ޖިހާންދާދަށް ހުންނެވުނުނަމައެވެ. ކަލާގެ ދެލޯފުޅު ކަރުނަފޮދުގެ ބަދަލުގައި ހިނިފުޅުވެޑުވުމުން ފުރިގެންދާނެނަމައެވެ."

ماه بانو ވިދާޅުވިއެވެ. "ކަލާ ގެއަށް ވަޑައިގަތުމުގެ ކުރިން ތިޔަވަޑައިގަތީ އަޅުގަނޑުމެންގެ ގާތަށެވެ. އެއިން އަޅުގަނޑަށް އެނގުނީ، ކަލާ ޖިހާންދާދު ދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވަރެވެ. ބައްޕާފުޅު ކޮންމެ އަހަރަކު ބޭބޭފުޅަށް އާހެދުންކޮޅެއް ފައްސަވައެވެ. ބޭބޭފުޅު އަވަހާރަވުމަށްފަހު އެހެދުންކޮޅުތައް ބޭބޭފުޅުގެ ރަޙުމަތްތެރިޔަކަށް ބޭނުންފުޅު ހިއްޕެވޭކަމީ ބައްޕާފުޅަށް ލިބިވަޑައިގަންނަވާ އުފާފުޅެކެވެ."

حسّان ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "އެއްބަނޑު އެއްބަފާ މީހަކަށް ވުރެވެސް މާބޮޑަށް ޖިހާންދާދު ދެކެ އަޅުގަނޑު ލޯބިވަމެވެ. އަޅުގަނޑު ހައްޔަރުވެފައިހުރި ދުވަސްވަރު އަޅުގަނޑުގެ ޙަޔާތުގެ އެންމެ ބޮޑު މުނިފޫހިފިލުމަކީ އޭނާގެ އެކުވެރިކަމެވެ."

حسّان ބޭރަށް ނުކުމެވަޑައިގަތުމުގެ ހުއްދަ އެދިވަޑައިގަތުމުގެ ބެއްލެވުމަކުން ماه بانو އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް ماه بانو ކާއޫސާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "حسّان އިރުކޮޅަކުން ވަޑައިގަންނަވާނެއެވެ. ކަލޭ ދެން ދިޔަޔަސް އެންމެ ރަނގަޅެވެ."

ނޯކަރު ހިނގައްޖެއެވެ. ماه بانو ކުޑަކޮށް ފަސްޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "ކަލާ ގެއަށް ތިޔަ ވަޑައިގަންނަވަނީ އެތައް ދުވަހެއްގެ ފަހުންނެވެ. ކަލާ ވަޑައިގެން ނެތީސް މިތަނަށްވަނީ ވަރަށްގިނަ އިންޤިލާބުތަކެއް އައިސްފައެވެ. ކަލާ ވަޢުދުވެވަޑައިގަތުން އަޅުގަނޑު އެދެމެވެ. ކަލާ އުއްމީދު ނުކުރައްވާކަހަލަ ކަމަކާ ދިމާވެއްޖެނަމަ ނުރައްކާތެރި މަގަކުން ފިޔަވަޅެއް އެޅުއްވުމުގެ ކުރީން ބައްޕާފުޅުގެ އަރިހަށް ވަޑައިގަންނަވާށެވެ. މިއަދަށްފަހު މިގޭގައި ކަލާއަކީ ހިލޭމީހެއް ކަމަކަށެއް ނުބެލެވޭނެއެވެ."

حسّان ހިސާބަކަށް ކަންބޮޑުވެވަޑައިގަތުމާއެކު ވިދާޅުވިއެވެ. "ބައްލަވާށެވެ. ކަލާގެ ބައްޕާފުޅު އޭނާގެ ދަނޑުވެރީންގެ ހާލުއަހުވާލު ނުބައްލަވައެއް ނުހުންނަވާނެއެވެ. އޭނާއަށް އަޅުގަނޑުގެ ޢާއިލާއާ ބެހޭގޮތުން ހިތާމަވެރި ޚަބަރެއް ލިބިވަޑައިގެންފައި އޮތްކަމުގައިވާނަމަ ކަލާއަށް އަޅުގަނޑުގެ ގާތުގައި އެވާހަކަ ވިދާޅުވެވިދާނެއެވެ."

ماه بانو ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެންގެ ބިންކަމުގައި ހަމަޖެހިފައިވަނީ މިއަވަށުގެ ވަށައިގެންހުރި މަދު ޢަދަދެއްގެ ދަނޑުފަނގެވެ. އެތަންތަންވެސް އަޅުގަނޑުމެންގެ އަތުން ފޭރިގަންނާނެކަން ކަށަވަރެވެ. މިހާރު މިގެވެސް ހީވަނީ އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށްވުރެ މާބޮޑުހެންނެވެ. ކުރީން ވިއްސަކަށް ފަނަރަވަރަކަށް ނޯކަރުންނާއި ހަތިޔާރު އެޅި ފަސްދޮޅަސް ސިފައިން އަބަދު ތިބޭ މިގޭގައި މިހާރު ތިބީ ވަފާތެރި ހަތަރުފަސް ނޯކަރެކެވެ. މިހިސާބުގަނޑުގެ ގަވަރުނަރު އަޅުގަނޑުމެންގެ ބިންތައް އަތުލައްވައިފައި ދެއްވި އާ ބިންވެރިޔާ ކޮންމެފަދަ ވަގުތެއްގައިވެސް އަޅުގަނޑުމެންނަށް މިތަނުން ފިލައިގެންދާން މަޖުބޫރު ކުރައްވައިފާނެއެވެ."

"އަލަށް އައި ބިންވެރިޔަކީ ކާކުތޯއެވެ؟"

"އޭނާގެ ނަމަކީ ތޫރަޖެވެ. އެއީ ހުރުމުޒުގެ ތިމާގެ ބޭފުޅެކެވެ."

"ހުރުމުޒަށް ތިޔަބޭފުޅުންގެ ބިންތައް ފޭރިގެންފައި އެހެންމީހަކަށް ދެވުނީ ކީއްވެގެންތޯއެވެ؟"

ماه بانو ޖަވާބުދެއްވިއެވެ. "ލަޝްކަރުތައް ބަލިވަމުން ޤައުމުގެ ތަޚުތަށް މީހުން އިސްކޮށް ބޭލުން ގިނަވަމުންދާ ދުވަސްވަރެއްގައި ކޮންމެކަމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ ބޭބޭފުޅު ހަނގުރާމައަށް ވަޑައިގެންނެވިއިރު މިއީ ފާރިސީންގެ ބޮޑު ރަސްކަމުގެ މުހިންމު އަތޮޅެކެވެ. ނަމަވެސް މިހާރު މިއީ ހުރުމުޒު ޝިކާރަކުރައްވާ ޖަންގައްޔެކެވެ. އޭނާ މިހިސާބުގަނޑުގެ ބިންވެރީންނަށްވަނީ ދަނޑުވެރީން ފޭރުމުގެ ފުރިހަމަ މިނިވަންކަން ދެއްވައިފައެވެ. ސަރުކާރަށް އިތުރު ގޮއި ހޯއްދަވައިދެއްވުމަށްޓަކައެވެ. ޢަރަބި ދަނޑުވެރީންގެ ވަފުދެއް އަނިޔާވެރި ބިންވެރީންގެ ޝަކުވާ ހިފައިގެން ހުރުމުޒުގެ އަރިހަށް ދިޔައެވެ. ނަމަވެސް އޭނާ އެބައިމީހުން ތަޅުއްވައި ބޭރުކޮށްލެއްވީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަނޑުވެރީންގެ ބައެއް މީހުން ބަޣާވަތް ކުރިއެވެ. ނަމަވެސް ހުރުމުޒު އެބައިމީހުންގެ އަވަށްތައް ވީރާނާކޮށްލައްވައިފިއެވެ. ލޫޓުވާލެވުނު ދަނޑުވެރީންނަށް ބައްޕާފުޅު ޙިމާޔަތް ދެއްވުމުން ބައްޕާފުޅާ ދެކޮޅަށް ހުރިހާ ބިންވެރީން އެކަތިގަނޑަކަށް ވެއްޖެއެވެ. އެބައިމީހުން ހުރުމުޒުގެ އަރިހުގައްޔާއި މަދާއިންގެ ދަރުބާރުގައި އަޅުގަނޑުމެންގެ ޝަކުވާކޮށްފައިވަނީ އަޅުގަނޑުމެން ޢަރަބި ބާޣީންނަށް ހިތްވަރުދެނީ ކަމުގައެވެ. ހުރުމުޒަކީ މީހަކަށް އަނިޔާއެއް ކުރެވޭކަހަލަ އެއްވެސް ފުރުޞަތެއް އަތްޕުޅުދަށުން ދިޔަދެއްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާ އަޅުގަނޑުމެންގެ ބިންތައް ފިރުއްކަވައިފައި ތޫރަޖަށް ދެއްވީއެވެ. ތޫރަޖު އަޅުގަނޑުމެންގެ ޖާގީރުގެ ހުރިހާ އަވަށެއްގައި ފޭރުން އާއްމުކުރިއެވެ. ކުރީކޮޅުގައި އަޅުގަނޑުމެންގެ ދަނޑުވެރީން ތޫރަޖުގެ ކާރުދަވެރީން ފައްސައި ބޭރުކުރަމުން ގެންދިޔައެވެ. ނަމަވެސް ތޫރަޖު، ހުރުމުޒުގެ އަރިހުން ޢަސްކަރީ އެހީ ހޯއްދަވައިގެން ދަނޑުވެރީން ބަލިކޮށްލައްވައިފިއެވެ."

حسّان ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ކަލާ އަޅުގަނޑުމެންގެ އަވަށާ ބެހޭ އެއްވެސް ޚަބަރެއް އެއްސެވީމުތޯއެވެ."

ކަރުނަފޮދުން ފުރިފައިވާ ބެއްލެވުމެއް ފިޔަވައި ماه بانو ގެ އަރިހަކު އެސުވާލުގެ އެއްވެސް ޖަވާބެއް ނެތެވެ. އޭނާ އިރުކޮޅަކު ހުންނަވައިފައި ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "މިހާރަކު ފަރިޔާދުކުރަން އަންނަ އެއްވެސް މީހަކު މިގެއާ ދިމާއަކަށް ބަލައެއް ނުލައެވެ. ބައްޕާފުޅު ކަންބޮޑުވެވަޑައިގަންނަވަނީ އެހެނިހެން އަވަށް އަވަށެކޭ އެއްގޮތަށް ކަލާގެ އަވަށަށްވެސް ތޫރަޖުގެ އަނިޔާވެރިކަން ފޯރާފައި އޮވެދާނެތީއެވެ. ބައްޕާފުޅު ކަލާއަށް ނަސޭހަތް ދެއްވަން ބޭނުންފުޅުވަނީ އެއްވެސް ޙާލެއްގައި ކަލާ އާ ބިންވެރިޔާއާ ހުރަހޮޅި ވަޑައިނުގަތުމަށެވެ. މިހާރު ކަންތައް ހުރިގޮތުން މިހިސާބުގަނޑުގެ ޢަރަބި ދަނޑުވެރީންނަށް ރަނގަޅުވާނީ ކެތްތެރިކަމުގެ ކޯރު ބަންޑުން ވިޔަނުދިނުމެވެ."

حسّان ވިދާޅުވިއެވެ. "ކަލާގެ ބައްޕާފުޅުގެ މަޝްވަރާއަކީ ރޫމީންގެ ހައްޔަރުން ސަލާމަތްވުމަށްފަހު އާ އަނިޔާތަކަކަށް ކެތްތެރިވާން އާދަކުރުންކަމުގައިވާނަމަ އަޅުގަނޑު އޭނާ މާޔޫސްވެވަޑައިގެންނެވިޔަކަ ނުދޭނަމެވެ. އަޅުގަނޑު ދަންނަމެވެ. އަޅުގަނޑުމެން އުފެދިފައިވަނީ އަނިޔާވެރީންނާ ދެކޮޅަށް ތެދުވާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ. އަނިޔާވެރިންގެ އަނިޔާއަށް ކެތްކުރުމަށެވެ. ނަމަވެސް އަޅުގަނޑަށް ހީވަނީ ކަލާ އަޅުގަނޑަށް ކޮންމެވެސް ކަމެއް އެބަފޮރުއްވާހެންނެވެ."

ماه بانو ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ކަލާ އަރިހު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންގެ އާރެއް ބާރެއް ނެތް ވާހަކައެވެ. ތޫރަޖު ކަހަލަ އަނިޔާވެރިއެއްގެ ފުށުން ކަލާއަށް އުނދަގުލަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެއްވެސް އެހީފުޅެއް ނޭރުވޭނެ ވާހަކައެކެވެ."

"ކިތަންމެ ދެރަގޮތެއް ދިމާވިޔަސް އަޅުގަނޑު ތިޔަބޭފުޅުންނަށް އުނދަގޫފުޅެއް ނުކުރާނަމެވެ. ދެން އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާށެވެ." حسّان މިހެން ވިދާޅުވެފައި ސިޑިއާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ماه بانو ހިތްޕުޅަށް ލިބިވަޑައިގެންނެވި ހިތާމަފުޅާއި މޮޅިފުޅުން މޭފުޅުގައި އަތްޕުޅު ފިރުންމައިލެއްވިއެވެ. އޭނާ ދުވެވަޑައިގެންފައި ވަޑައިގެން حسّان ހުއްޓުވަން ބޭނުންފުޅުވިއެވެ. حسّان އަށް ހުރިހާ ކަމެއް ސާފުކޮށްދެއްވަން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާއަށް އެފަދަ ހިތްވަރުފުޅެއް ލިބިވަޑައެއް ނުގެންނެވިއެވެ. އިރުކޮޅެއްގެ ފަހުން އޭނާ ހުންނެވީ މަތީބުރީގެ ބެލްކަނީގައެވެ. حسّان އަހަށް ސަވާރުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގަންނަވާ މަންޒަރު ބައްލަވާށެވެ. ބަރުދާސް ނުކުރެއްވޭފަދަ ހިތާމަފުޅެއްގެ ސަބަބުން އޭނާގެ ހިތްޕުޅު ދިޔައީ ފިސްފިސްވަމުންނެވެ. އޭނާ ދުވެވަޑައިގެންފައި އެނބުރިވަޑައިގަތީ ބައްޕާފުޅުގެ ކޮޓަރިކޮޅަށެވެ. قبــاد އޭރުވެސް އޮންނެވީ އޭނާގެ އެނދުދާންކޮޅުގައި އޮށޯވެވަޑައިގެންނެވެ.

"ބައްޕާފުޅާއެވެ!" އޭނާ ބެދެމުންދިޔަ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑު އުޅުނީ އޭނާއަށް ހުރިހާ ވާހަކަތަކެއް ސާފުކޮށް އޮޅުންފިލުވައިދެވޭތޯއެވެ. ނަމަވެސް އޭނާގެ ސޫރަ ފެނިފައި އަޅުގަނޑަކަށް އެކަން ކުރާހައި ހިތްވަރެއް ނުލިބުނެވެ. އަޅުގަނޑު ބިރުގަތީ ހުރިހައި ކަމެއް އެނގިވަޑައިގެންފިނަމަ އޭނާ ގެއަށް ވަޑައިގަތުމުގެ ބަދަލުގައި ގިނިކަންޏާ ތޫރަޖުގެ ގެއަށް ޙަމަލަދެއްވަންވެސް ފަސްޖެހިވަޑައިނުގަންނަވާނެތީއެވެ. އަޅުގަނޑު މަސައްކަތްކުރީ ނުސީދާގޮތުން އޭނާއަށް ވިސްނައިދެވޭތޯއެވެ. އޭނާގެ އަވަށުގެ ކަންތައް އޭނާ އުއްމީދުކުރައްވާގޮތުގެ އިދިކޮޅަށް ހުރެދާނެވާހަކަ ދަންނަވައިދެވޭތޯއެވެ. ބައްޕާފުޅާއެވެ! އޭނާ ޖިހާންދާދުގެ ހެދުންކޮޅު ތުރުކުރެއްވީ އުފާފުޅުންނެވެ. އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ބޭބެ އާ ވުޖޫދެއްގައި އެނބުރި ވަޑައިގެންނެވިހެންނެވެ. އޭނާގެ ސާދާކަމާހުރެ އަޅުގަނޑުގެ ހިތުގައި ރަޙުމް އުފެދެއެވެ. އަޅުގަނޑަށް އޭނާ ހުއްޓުވުނު ނަމައެވެ."

قبــاد ޖަވާބު ދެއްވިއެވެ. "ދަރިފުޅާއެވެ! އޭނާއަކީ އެއްވެސްކަހަލަ ނުރައްކަލަކަށް ޖެހިލުންވާ ކަހަލަ ބޭފުޅެއްކަމަށް ބައްޕަޔަށް އިޙްސާސްވީނަމަ ރޭވެސް އޭނާގެ އަރިހުގައި ގެއަށް ވަޑައިނުގަންނަވާށޭ ދެންނެވީމުހެވެ."

"އެކަމަކު ދެންވާނީ ކިހިނަކުންތޯއެވެ؟"

"ދެން ވާނެގޮތަކީ އޭނާއަކީ ދުރުވިސްނައި ވަޑައިގަންނަވާ ބޭފުޅެއްކަމުގައިވާނަމަ އަނިޔާވެރިންނާ ދެކޮޅަށް ތެދުވެވަޑައިގަތުމަށްޓަކައި އެކަށޭނަ ދަނޑިވަޅަކަށް އިންތިޒާރުކުރައްވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުކުރައްވާނެއެވެ. އެހެން ނޫންނަމަ އަހަރެމެންނަށް އިވޭނީ ރުޅިއައިސްފައިހުރި ޒުވާނަކު ދެތިން ނައުރާ އެއްކޮށްލައިފައި އަބަދަށްޓަކައި ހަމަހިމޭންވީ ޚަބަރެވެ."

(ނުނިމޭ)