ޚަބަރު

ލައިސަންސް ނެތި ޕެސްޓިސައިޑް އެތެރެކޮށް ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރަން ކަނޑައަޅައި ބިލު ތަޅުމަށް

އިބްރާހިމް ޒަކީ

ލައިސަންސް ނެތި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތައް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ހިމަނައިގެން "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލު" ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީ އާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ބިލް ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީން ފޮނުވާފައިވާ ރިޕޯޓްގައި ބިލަށް ގެނަސްފައިވާ އިސްލާހު ތަކުގެ ތެރޭގައި، ޕެސްޓިސައިޑް އެކްސްޕޯޓު ކުރުމާއި އަލުން ބަންދު ކުރުމަކީވެސް ކުށެއް ކަމުގައި ކަނޑަ އަޅައި އެ ކުށުގެ އަދަބަކީވެސް 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހިމަނައިފައެވެ.

ބިލުގައި ބުނެފައިވަނީ އެއިން ކޮންމެ ކަމެއްވެސް ކުރެވޭނީ އެކަމަށްޓަކައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށެވެ.

ބިލުުގައި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ ޖަނަވާރު ގެންގުޅޭތަނެއްގައި ނުވަތަ ކާބޯތަކެތީގެ އުފެއްދުންތައް، ނުވަތަ ޖަނަވާރުގެ ކާނާ ގެންގުޅޭ ތަނެއްގައި ޕެސްޓިސައިޑް ރައްކާކޮށްފައި ބެހެއްޓުމާއި، ބޭނުންކުރަން ހުއްދަ ދީފައިވާ ބާވަތްނޫން އެހެން ބާވަތެއް ބޭނުން ކުރުމަކީ ކުށެއް ކަމުގައި ކަނޑަަޅައި 15،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ.

މައުލޫމާތު ހިމެނޭ ލޭބަލެއް ނުވަތަ ކަރުދާހަކާ ނުލައި ޕެސްޓިސައިޑް ވިއްކުމާއި، އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތަށް އަދި ތިމާވެއްޓަށް ގެއްލުންވާގޮތަށް ބެހެއްޓުމަކީވެސް ކުށެކެވެ. އަދި އެތަކެތި ގަޑުބަޑު ކުރުމަކީވެސް ކުށެކެވެ. އެކުށްތަކަށްވެސް 15،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ހިމަނައިފައެވެ.

ބިލުގައިވާގޮތުން ޕެސްޓިސައިޑްއާ ބެހޭ ކަންކަން ބެލުމަށް ޕެސްޓިސައިޑް އިނިސްޕެކްޓަރުން ތިބެން ޖެހެއެވެ.

އަދި އެފަރާތްތަކަށް ލިބިގެންވާ ބާރަށް ހުރަސް އެޅުމާއި ޕެސްޓިސައިޑް އެއްްތަނުން އަނެއް ތަނަށް ގެންދާއިރު މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުގައި 5،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރަންވެސް ބިލުގައިވަނީ ހިމަނައިފައެވެ.