ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުން ކިރްގިސްތާން ބަލިކޮށް ރާއްޖެއިން ކާމިޔާބު ހޯދައިފި

މަރިޔަމް ޝަހުދާ

1

އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ކިރްގިސްތާންގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިއަދު ހެނދުނު ރާއްޖެއާއި ކިރްގިސްތާނުން ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 2-3 ސެޓުންނެވެ. ރާއްޖެއިން ކިރްގިސްތާންގެ މައްޗަށް ކުރި ހޯދާފައިވަނީ އެގައުމުން 2-1 ސެޓުން ކުރީގައި އުޅެނިކޮށް، ފަހަތުން އަރައެވެ.

މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 24-26 އިން ރާއްޖެއިންނެވެ. ނަމަވެސް ދެން ދެ ސެޓު ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައިވަނީ ކިރްގިސްތާނުންނެވެ. އެއީ 25-22 އިން ދެވަނަ ސެޓު އަދި ތިން ވަނަ ސެޓު 14-25 އިންނެވެ.

މިމެޗުގެ ހަތަރު ވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށްފައެވެ. މި ސެޓު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 18-25 އިންނެވެ. އެއާއެކު ދެޓީމު އެއްވަރުވުމުން މެޗު ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅުމަށް 15 ޕޮއިންޓުގެ ސެޓެއް ވަނީ ކުޅެފައެވެ. މި ސެޓު ރާއްޖެއިން ފަސޭހަމާއެކު ކާމިޔާބުކޮށްފައިވަނީ 10-15 އިންނެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބިފައިވަނީ ރާއްޖޭގެ ޖާޒީ ނަމްބަރު 6، ހައްވާ ރާޝިދާ އަށެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަނެވެ.

ރާއްޖޭގެ ޓީމުން މުބާރާތުގެ ފެށުން ރަނގަޅުކޮށް، ފުރަތަމަ މެޗު ކާމިޔާބު ކުރުމާއި ގުޅިގެން ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް ވަނީ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވެފައެވެ. މަހުލޫފް ވިދާޅުވީ މި މުބާރާޓުގެ ފެށުން ރަނގަޅު ކަމަށެވެ. އަދި ކުރިއަށްހުރި މެޗުތަކަށް ކުޅުންތެރިންނަށް ކާމިޔާބަށް މަހުލޫފު އެދުނެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތް މިއަދު ފަށާފައިވާއިރު، މިމަހު 14ގެ ނިޔަލަށް މުބާރާތް ކުރިއަށްދާނެއެވެ. މި ފައިނަލާއި ހަމައަށް ކޮންމެ ދުވަހަކު ދެމެޗު ކުރިއަށް ދާނެ އެވެ. ރާއްޖެއިން މިއަދު ކުޅުނީ މުބާރާތުގެ ފުރަތަމަ މެޗެވެ. މިއަދު ހަވީރު އޮތް މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގުލަދޭޝްއެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖެއިން މެޗު ކުޅުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރާއްޖޭގެ ދެވަނަ މެޗަށް މާދަމާ ރާއްޖެއިން ނިކުންނާއީ ނޭޕާލްއާ ދެކޮޅަށެވެ. އަންނަ ހޯމަ ދުވަހު ރާއްޖެ އިން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ލީގު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ. އެއަށްފަހު މިމަހުގެ 14 ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗަކީ ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޮވުމަށް ކުޅޭ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ތިންވަނަ ލިބޭނެއެވެ.

މިމަހުގެ 14 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗަކީ ފައިނަލް މެޗެވެ. އެ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކީ މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތެރިވި އަހްމަދު ސުނާންއެވެ.