ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ލިމްކޮކްވިންގް ޔުނިވާސިޓީ އާއެކު ޓުއަރިޒަމް މިނިސްޓްރީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ މި އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު އަލީ ވަހީދު ސޮއި ކުރެއްވި އިރު ލިމްކޮކްވިންގް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރައީސްގެ ދަރިކަނބަލުން އަދި ވައިސް ޕްރެޒިޑެންޓް ޑަޓޮ ޓިފަނީ މަރީ ލިމް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ މަގާމުތަކަށް ދިވެހިން ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރެވޭނީ ރާއްޖޭގައި ތަމްރީނު ބެނުންވާ ފަރާތްތައް ތަމްރީނު ކޮށްގެން ކަމަށާއި، މި އެއްބަސް ވުމުގެ ސަބަބުން މިކަމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ފުލީ ފަންޑަޑް އަދި ސެމީ ފަންޑަޑް ސްކޮލާޝިޕް ފުރުސަތު ދިވެހިންނަށް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ޓިފަނީވެސް ވަނީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވާފައެވެ. އެގޮތުން މި އެއްބަސްވުމަކީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ވެވުނު އެއްބަސްވުމެއް ނޫންކަން ޓިފަނީ ފާހަގަ ކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ އިތުރުން ރާއްޖޭގެ އެހެން ދާއިރާތަކަށް ވެސް އޭގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޓިފަނީ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން މިހާރުވެސް އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ތަމްރީނު ވުމުގެ ފުރުސަތު ހޯދައިދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންނެވެ.