ބޮލީވުޑް

އަޔުޝްމަންގެ ފިލްމު "ބާލާ" ވެސް ލީކްކޮށްލައިފި

ހަ ސުޕާ ހިޓް ފިލްމު ޖެހިޖެހިގެން ރިލީސްކޮށްފައިވާ އަޔުޝްމަން ކުރާނާގެ ފިލްމު "ބާލާ" ރިލީސްކުރިތާ ކުޑައިރުކޮޅެއް ތެރޭގައި ފިލްމު ލީކްކޮށްލައިފިއެވެ.

ބޯ ތަލަވާ މީހެއްގެ ރޯލުން އަޔުޝްމަންފެނިގެންދާ މި ފިލްމޔ ބެލުމަށް ފުރަތަމަ ދުވަހުވެސް ގިނަ ބަޔަކު ވަނީ ގޮސްފައެވެ. ހިސާބު ތަކުން ދައްކާ ގޮތުގައި ހަފްތާ ބަންދު ތެރޭގައި ފިލްމަށް ބޮޑު ފައިދާއެއް ވާނެއެވެ.

ނަމަވެސް ބޮލީވުޑްގެ ފިލްމުތަކަށް މިހާރަކަށް އައިސް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އޮންލައިންކޮށް ފިލްމު ލީކް ކުރުމުގެ މައްސަލަ ފިލްމު ބާލާއަށްވެސް ދިމާވެއްޖެއެވެ. ޓެމިލްރޮކާސް ކިޔާ ބަޔެއްގެ ވެބްސައިޓްގައި ފިލްމު ލީކްކޮށްލާފައިވާއިރު އެސައިޓުން ފިލްމު އެކީ ޑައުންލޯޑްވެސް ކުރެވެއެވެ.

ޓެމިލްރޮކާސް ވަނީ އެންމެ ފަހުން ނުކިތް ހިންދީ ފިލްމުތައްކަމަށްވާ 'ހައުސްފުލް 4'، 'މޭޑް އިން ޗައިނާ' އަދި 'ބިގްލީ'ވެސް ރިލީސްކުރިތާ ކުޑަ އިރުކޮޅެއްތެރޭގައި ލީކްކޮށްލާފައެވެ.

އެވެބްސައިޓުން މިގޮތަށް ފިލްމުތައް ލީކްކުރާތީ ފިލްމުތަކަށް މާލީ ބޮޑު ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. މިކަމަށް އިންޑިއާގެ ސަރުކާރުންނާއި ޖުޑިޝަރީއިންވެސް ފިޔަވަޅުތައް އަޅަމުންދާއިރުވެސް އަދިވެސް ވަނީ ހައްލުނުލިބިފައެވެ.

އަމަރް ކައުޝިކް ޑައިރެކްޓްކޮށްފައިވާ ފިލްމު ބާލާ ގައި ބޫމީ ޕެޑްނޭކަރު އަދި ޔަމީ ގޯތަމްވެސް ލީޑް ރޯލުން ފެނިގެންދެއެވެ.