ވިލި މުއައްސަސާ ކަޕް

ކުލަގަދަ ރަސްމިއްޔާތަކާއެކު ވިލި މުއައްސަސާ ކަޕް ފަށައިފި

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕް ފަށައިފިއެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ބޭއްވި "ވިލި މުއައްސަސާ ކަޕް 2019" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ 20 އަހަރަށްފަހު ދާދި ފަހުން ފުޓުބޯޅައިން ރިޓަޔާކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދެވެ. އިމްރާންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ ބައެއް އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެ މުބާރާތް ކިތަންމެ ވާދަވެރިކޮށް ދިޔަ ނަމަވެސް، ވާދަވެރިކަން އޮންނަންވާނީ އެއް ބަޔަކު އަނެއް ބަޔަކު ޖެހޭ ގޮތަށް ނުވަތަ ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ނޫން ކަމަށާއި އެކުވެރި މާހައުލެއްގައި އެ މުބާރާތް ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް ރުޅި އިސްނުކޮށް، މޮޅު ކުޅުން ދައްކައި ފެންވަރު ދެއްކުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ކްލަބު އެމްޓީސީސީގެ ޓީމުން މޮޅު ކުޅުމާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް މަސައްކަތްކުރުމަށް އެޓީމަށް އޭނާ ވަނީ އިރުޝާދުދެއްވައިފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު ރޭ ދެ މެޗު ކުޅުނެވެ. "ގްރޫޕު އޭ"ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ވިލިމާލެ ޕޮލިހާއި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އެވެ. އެ މެޗު 5-2ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޑަބްލިޔުއެސްސީއެވެ.

އެ މެޗުގައި އެމްޑަބްލިޔުއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ހަސަނާއި މުހައްމަދު ދައިސަމް އަބްދުﷲ އާއި އާދަމް ހާފިޒާއި މޫސާ ނަޖާހު އަދި ހަސަން ތާއިފެވެ. މެޗުގައި ވިލިމާލެ ޕޮލިހުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ސޮބާހު އަދި ހައިޝަމް އަބްދުލްމަޖީދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްޑަބްލިޔުއެސްސީގެ ހަސަން ތާއިފެވެ.

ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރީ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި ކްލަބު ވެމްކޯއެވެ. އެ މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެމްކޯއެވެ.

އެ މެޗުގައި ވެމްކޯގެ އިބްރާހިމް މުބީން ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޖުނާހެވެ. މެޗުގައި މޯލްޑިވް ގޭހުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސިފާއުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ވެމްކޯގެ އިބްރާހިމް މުބީނެވެ.

އެ މުބާރާތުގައި މިރޭ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި އެމްޑަބްލިޔުއެސްސީ އާއި ވިލި ޖޯލި ބައްދަލުކުރާ އިރު، މިރޭ 9:00ގައި ކުޅޭ "ގްރޫޕު ބީ"ގެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެމްކޯ އާއި ސްޓެލްކޯއެވެ. އަދި މިރޭ 10:00ގައި ކުޅޭ "ގްރޫޕު އޭ"ގެ މެޗުގައި ބައްދަލުކުރާނީ ވިލިމާލެ ޕޮލިހާއި އެމްއާރުސީސީއެވެ.

މިއަހަރުގެ މުބާރާތުގެ "ގްރޫޕު އޮފް ޑެތު"ގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު ބީ" އެވެ. އެ ގްރޫޕުގައި ހިމެނޭ 2017ގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީގެ އިތުރުން ވެމްކޯ އަދި ސްޓެލްކޯއެވެ. އެ މުބާރާތުގެ "ގްރޫޕު އޭ"ގައި ހިމެނެނީ ވިލިމާލެ ޕޮލިހާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ވިލިޖޯލި އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)، ކޯސްޓްގާޑެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ސެމީ ފައިނަލަށް ނުކުންނާނެއެވެ. އަދި ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ މިމަހުގެ 17 ގައެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.