ޚަބަރު

އަޒުމަކަށް ވާންވީ ރަސޫލާ ގެނެސްދެއްވި އެއްކައުވަންތަކަމުގެ އަގީދާގައި ހިތްތައް ސާބިތު ކުރުން: ރައީސް

އާނިފާ ހުސެއިން ސިރާޖް

އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ، އާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަޒްރަތުން ރަސޫލާ (ޟ) ގެނެސްދެއްވި އެއްކައުވަންތަކަމުގެ އަގީދާގައި ހިތްތައް ސާބިތު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްްވައި ނެރުއްވި ހިތާބުތައެވެ. ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި އެންމެ ވަރުގަދަ އަޒުމަކަށް ވާންޖެހޭނީ، އަގީދާގައި ހިތްތައް ސާބިތުކުރުން ކަމަށާއި އަދި މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުން ކަަމަށެވެ.

ކީރިތިި ރަސޫލާގެ އީދު މީލާދީ ފާހަގަކުރަނީ ވަރަށް މަތިވެރި މަގުސަދެއްގައިކަން ފާހަަކުރައްވައި ރައީސް ވިދާޅުވީ އެ މަތިވެރި ޒިކުރާއިން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށެވެ.

އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަހުލާގީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ހަޔާތްޕުޅުން ކަމަށާއި އިންސާނީ މުޖުތަމައެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، ކީރިތި ރަސޫލާ ވަނީ އަމަލީ ގޮތުން ދައްކަވައިދެއްވާފައިކަން ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

އެކަކު އަނެކަކާ ބައްދަލުވާ ހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމުކޮށް އުޅުމަކީ، ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ، މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދުކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވީ، އަނެކުންނަށް އިހުތިރާމް ކުރުމާއި، މައާފުކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެންނަށް ދޫކުރެއްވި، އިންސާނީ އަހުލާގިއްޔާތުގެ އެންމެ ވިދުން ގަދަ މުތީތައް ކަމަށާއި ކޮންމެ ކަމެއްގައިވެސް އަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި އެކަލޭގެފާނު ދެއްކެވި އެންމެ މަތީ މިންގަނޑު ކަމަށެވެ.

މީގެ އިތުރުން މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަގީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖުތިމާއީ އާދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.