އިބްރާހީމް ޝަރީފް

12 މެގަވޯޓުގެ ކަރަންޓު ނުލިބިއްޖެ ނަމަ ގަން އޮންނާނީ އަނދިރީގައި: ޝަރީފް

އަހުމަދު ޖައިޝަން

1

ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގެ ގަމަށް 12 މެގަވޯޓުގެ ކަރަންޓު އުފައްދައި ދެވޭނެ ގޮތެއް ގާއިމު ނުކޮށްފި ނަމަ އެތަން އޮންނާނީ އަނދިރީގައި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ގޯސް ކަމަށާއި ވީހާވެސް އަވަހަކަށް އެކަމަށް ހައްލެއް ބޭނުންވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ އާ ސަރުކާރާ ގުޅިގެން މަސައްކަތް ކޮށް ހުށަހަޅާފައިވާ ބަޖެޓެއް ކަމުގައި ބަޖެޓު ހުށަހަޅަމުން ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބަޖެޓުގައި އާ ކަން ކަން ހިމެނުމަށް ލިބުނީ ކުޑަ ވަގުތު ކޮޅެއް ކަމަށް ޝަރީފު ފާހަގަ ކުރެއްވި އެވެ.

"އެންމެ ފުރަތަމަ މަރަދޫ ދާއިރާގެ ކަންތައް ބަލާއިރު ބަޖެޓުގައެއް ނެތް ހިމެނިފައެއް. ދާއިރާގެ އެއްވެސް މަސައްކަތެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަފުޅުގައި ވަނީ މަރަދޫ ދާއިރާއާއި އައްޑޫ ސިޓީ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކަށް އަލިއަޅުވާލާފައެވެ.

އެގޮތުން އައްޑޫސިޓީ އާއި ފުވައްމުލަކު އަދި ހުވަދު އަތޮޅު ޓުއަރިޒަމް ދާއިރާއިން ގުޅުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ދާއިރާއަށް ތަރައްގީ ނުލިބޭ ކަމަށާއި އިތުރު ތަރައްގީއަށް ބޭނުންވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

އެއާއެކު 20،000 އެނދުގެ ޓުއަރިޒަމް ތަރައްގީ ކޮށްފި ނަމަ އެ ސަރަހައްދަށް ބޭނުންވާ ވަޒީފާތައް ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މަރަދޫ މީހުން އުއްމީދު ކުރަނީ ތަރައްގީ. އެއްވެސް ކަމެއް ފާއިތުވި 10 އަހަރުގެ ތެރޭގައި ނުވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފުގެ ވާހަކަފުޅުގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަވެސް ވަނީ ދައްކަވާފައެވެ. އާ ސިޔާސަތުތައް ފެށުމަށް އެފަދަ ބަޖެޓެއް މުހިއްމު ކަމަށް ފާހަގަކުރެއްވި އެވެ.