ޚަބަރު

ހައިލަމަށް ނުފޫޒު ފޯރުވި މީހުންގެ ނަންތައް ހާމަކުރުމަށް ހަސަން ލަތީފު ގޮވާލައްވައިފި

އާނިފާ ހުސެއިން ސިރާޖް

ޖޭއެސްސީން ސަސްޕެންޑުކުރި، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ރައީސް ޔާމީނުގެ ޝަރިއަތާ ގުޅިގެން ނުފޫޒު ފޯރުވި މީހުންގެ ނަންތައް ހާމަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފިއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދާ މަނީ ލޯންޑަރިންގެ ދައުވާގައި ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ހަސަން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާޒީ ހައިލަމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވަންޏާ، އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކުރައްވައި، އަދި އެ މައްސަލަ ބެލުމަށް ހުށަހަޅުއްވަން ޖެހޭ ކަމަށެވެ.

ނުފޫޒު ފޯރުވި މީހުންގެ ނަންތައް ހާމަނުކޮށް، ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި އެ އިލްޒާމު ނޭއްޅޫވުމަށް ވެސް ހަސަން ލަތީފު ވަނީ އެދިލައްވައިފައެވެ.

ހައިލަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ނުފޫޒު ފޯރުވިކަމަށް ވިދާޅުވުމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު އަހުމަހު މަހުލޫފުވެސް ވަނީ ގާޒީ ހައިލަމަށް ރައްދުދެއްވައިފައެވެ. އެގޮތުން ހައިލަމަށް ތުހުމަތު ކުރައްވައި މަހުލޫފު ވިދާޅުވީ "ރައީސް ޔާމީނުގެ އޯޑަރަށް ސިޔާސީ ފަރާތްތައް ޖަލަށް ހުކުމް އިއްވަމުންދިޔަ މީހަކަށް މިއަދުވެސް ހީވާނީ އެހެން މީހުން ނުފޫޒު ފޯރުވާނެ ކަމަށް." ކަމަށެވެ.

ހައިލަމް ރޭ ނެރެއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.

ޖޭއެސްސީން ބަލަމުން އަންނަ ހައިލަމްގެ ސުލޫކީ މައްސަލައަކާ ގުޅިގެން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި އެ ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ސަސްޕެންޑްކޮށްފައެވެ އެ މައްސަލައަކީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައެވެ.

އެ މައްސަލަ ބަލައި ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ހައިލަމަށް ފައިސާތަކެއް ލިބުނު މައްސަލައެއް ޖޭއެސްސީން ބަލަން ފެށިއެވެ. އެކަމާ ގުޅޭގޮތުން ހައިލަމް ވިދާޅުވެފައިވަނީ އަލްހާނާއި އޭނާއާ ދެމެދު މެއި 19، 2019 ގައި ހިނގާދިޔަ ފައިސާގެ މުއާމަލާތާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެފަދަ މައުލޫމާތެއް ފުލުހަށް ހުށަހެޅި އެކަން ހިނގައިދިޔަ ގޮތާ މެދު ސުވާލުކުރި ކަމަށެވެ. އެގޮތުން އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ކިޔައިދީފައިވާނެ ކަމަށާއި އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ނުބަލަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާނާއި ހައިލަމްއާ ދެމެދު ހިނގި ފައިސާގެ މުއާމަލާތާ ގުޅޭ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ހައިލަމް އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.