ޚަބަރު

އަލިފާނުގެ ހާދިސާއެއް ނުހިނގާ، އެއީ ފަޔާ ޑްރިލެއް: އެމްއެންޑީއެފް

މާލޭ ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ އެމްއެންޑީއެފްގެ ފަޔާ ޑްރިލެއް ކުރިއަށްގެންދަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށް އެ މުއައްސަސާ އިން ބުނެފިއެވެ.

އެމްއެންޑީއެފުން އެހެން ބުނެފައިވާ އިރު، ފުލުހުން ވެސް ބުނެފައިވަނީ އެއީ އެމްއެންޑީއެފުން މިއަދު ހެންވޭރުގައި ކުރިއަށްގެންދިޔަ ފަޔާ ޑްރިލެއް ކަމަށެވެ.

އެމްއެންޑީއެފުން މިއަދު ކުރިއަށްގެންދިޔަ ޑްރިލަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފަޔާ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާ ކަމަށްވާ "ޖައްރާފާ 2019" އެވެ. އެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ ހ.ފޯވިންޑުގައެވެ. އެ އެކްސަސައިޒް ކުރިއަށްދިޔަ ވަގުތު އެކްސަސައިޒް ބައްލަވައިލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވައިފައެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި މިއަދު ބޭއްވި ފައިނަލް އެކްސަސައިޒުގައި ސަރުކާރުގެ އެކި ވުޒާރަތަކާއި އަމިއްލަ ބައެއް ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އައިޖީއެމްއެޗް އާއި އޭޑިކޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ. އަދި އެމްއެންޑީއެފުން މި އެކްސަސައިޒުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ޔުނިޓުތަކުން ބައިވެރިވެފައިވެއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މާލޭގައި ކުރިއަށްގެންދިޔަ "އެކްސަސައިޒް ޖައްރާފާ"ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ. އޭގެ އިތުރުން އޭރިއާތަކުގައި ގާއިމުކުރެވިފައިވާ ފަޔާ ސްޓޭޝަންތަކުން މި އެކްސަސައިޒުގައި ބައިވެރިވުމުގެ ގޮތުން ފަޔާ ސްޓޭޝަން ހުންނަ ރަށްތަކުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ބާއްވާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެކްސަސައިޒް ޖައްރާފާއަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަމަލުކުރަމުން އަންނަ "ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒެކެވެ. އެ އެކްސަސައިޒުގައި ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނުގައި ހިމެނޭ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޒިންމާއާއި މަސްއުލިއްޔަތުތަކާއި އަލިފާން ނިވާ މީހުންނަށް ލިބިފައިވާ އިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކޮށްފައިވެއެވެ.