ޚަބަރު

"ސްޓެމް ފެސްޓް 2019" ފަސްޓްލޭޑީ، އިފްތިތާހުކޮށްދެއްވައިފި

އާނިފާ ހުސެއިން ސިރާޖް

ވިމެން އިން ޓެކް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ސްޓެމް ފެސްޓް 2019 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، މި ފެސްޓިވަލް ބޭއްވުމުގެ އެންމެ މުހިއްމު މަގުސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް)ގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ހިދުމަތްތައްކާއި ހިންގާ ޕްރޮގްރާމްތައް އަދި ޕްރޮޑަކްޓްތައް އާންމުންނަށް ދައްކާލުން ކަމަށެވެ.

މިއަދު މެންދުރުފަހު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި އިފްތިތާހުކުރި ސްޓެމް ފެސްޓުގައި ހުޅުވާފައިވާ ސްޓޯލުތަކަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައި ހުރި ގެޖެޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ހޯއްދަވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިއަށްގެންދާ ސްޓެމް ފެސްޓަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސްގެ ދާއިރާއިން އުފެއްދުންތައް ދައްކާލުމަށް ކުރިޔަށްގެންދާ ފެސްޓިވަލެކެވެ.

އެގޮތުން މި ފެސްޓިވަލްގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އާންމުންނާ ހިއްސާކުރެވި، އެދާއިރާއަށް ޝައުގުވެރިވާ ކިޔަވާ ކުދިންނާއި އެހެން ފަރާތްތަކަށްވެސް ދާއިރާގައި ލިބެން ހުރި ހިދުމަތްތަކާއި ފުރުސަތުތައް ހާމަވެގެންދާނެ ކަމަށާއި ސައިންސާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން ކުންފުނިތަކާއި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް މުޖުތަމައު އަހުލުވެރި ކުރުވުމަކީވެސް މިފެސްޓިވަލްގެ އަމާޒެއް ކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ވިމެން އިން ޓެކް މޯލްޑިވްސް އިން ބުންޏެވެ.

މި ފެސްޓިވަލުގައި 20 ފަރާތަކުން ސްޓޯލް ހުޅުވާފައިވާ އިރު، މިއީ މިފަދަ ގޮތަކަށް މި ދާއިރާގެ ހިދުމަތްދޭ ފަރާތްތަކާއި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފެސްޓިވަލެވެ.