މަގުމަތީގެ އެކްސިޑެންޓް

މަސްތުގެ ހާލަތުގައި ހުރި ޒުވާނަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެ

މަސްތުގެ ހާލަތުގައި ހުރި ޒުވާނަކު ދުއްވި ސައިކަލެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު 2:59 ހާއިރު ހުޅުމާލޭ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން އިން 30 އަހަރުގެ މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން 28 އަހަރުގެ މީހާ އަދި އަނެއް ސައިކަލު ދުއްވަން އިން 30 އަހަރުގެ މީހާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ދެ ސައިކަލު ދުއްވި މީހުން އަތުގައި ވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ދެ މީހުން ތިބި ސައިކަލު ދުއްވި މީހާގެ އަތުގައި އެވަގުތު ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި އިނދެ ސައިކަލް ދުއްވި ކަމުގެ ތުހުމަތުގައި އެއް ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.