ޚަބަރު

މަހުލޫފު، ހައިލަމަށް: ޔާމީނުގެ އެންގުމަށް ހުކުމްތައް ކުރި ފަނޑިޔާރަކަށް މިއަދުވެސް ހީވާނީ ނުފޫޒު ފޯރުވާނެ ކަމަށް

އާނިފާ ހުސެއިން ސިރާޖް

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އުންމީދުކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއަށް ގުޅުއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލުމަށް އެދިވަޑައިގަންނަވާނެ ކަމަށް ކަމަށާއި ނަމަވެސް އެކަމެއް މިސަރުކާރުން ނުކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިހާރު ހިންގަމުންދާ މަނީ ލޯންޑަރިންގެ ދައުވާގައި ޖަލަށްލުމަށް ހުކުމް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައިލަމް އުންމީދުކުރީ ރައީސް ސޯލިހު އޭނާއަށް ގުޅުއްވާފައި ޔާމީނު ޖަލަށް ލާން އެދިވަޑައިގަންނަވާނެ ކަމަށް ކަމަށާއި ނަމަވެސް އެކަމެއް ރައީސް ވެސް އަދި މި ސަރުކާރުންވެސް ނުކުރައްވާނެ ކަމަށެވެ.

ހައިލަމަށް ތުހުމަތު ކުރައްވައި މަހުލޫފު އިތުރަށް ވިދާޅުވީ "ރައީސް ޔާމީނުގެ އޯޑަރަށް ސިޔާސީ ފަރާތްތައް ޖަލަށް ހުކުމް އިއްވަމުންދިޔަ މީހަކަށް މިއަދުވެސް ހީވާނީ އެހެން މީހުން ނުފޫޒު ފޯރުވާނެ ކަމަށް." ކަމަށެވެ.

ހައިލަމް ރޭ ނެރެއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.

ޖޭއެސްސީން ބަލަމުން އަންނަ ހައިލަމްގެ ސުލޫކީ މައްސަލައަކާ ގުޅިގެން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި އެ ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައަކީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައެވެ.

ޖޭއެސްސީން އެ މައްސަލަ ބަލަން ފެށުމުން ހައިލަމް ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ އެ ފޮޓޯ ވައިބަރު ގުރޫޕަށް ލެއްވިއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގި ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މެސެޖުގައި ހުރި ކުރެހުމާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ބަލައި ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ހައިލަމަށް ފައިސާތަކެއް ލިބުނު މައްސަލައެއް ޖޭއެސްސީން ބަލަން ފެށިއެވެ. އެކަމާ ގުޅޭގޮތުން ހައިލަމް ވިދާޅުވެފައިވަނީ އަލްހާނާއި އޭނާއާ ދެމެދު މެއި 19، 2019 ގައި ހިނގާދިޔަ ފައިސާގެ މުއާމަލާތާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެފަދަ މައުލޫމާތެއް ފުލުހަށް ހުށަހެޅި އެކަން ހިނގައިދިޔަ ގޮތާ މެދު ސުވާލުކުރި ކަމަށެވެ. އެގޮތުން އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ކިޔައިދީފައިވާނެ ކަމަށާއި އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ނުބަލަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާނާއި ހައިލަމްއާ ދެމެދު ހިނގި ފައިސާގެ މުއާމަލާތާ ގުޅޭ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ހައިލަމް އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.