ޚަބަރު

އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ

އާނިފާ ހުސެއިން ސިރާޖް

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދަން ނިންމައިފިއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އާއި ތައިލެންޑްގެ ސިންހާ އެސްޓޭޓު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފާއިތުވި އޭޕްރީލް މަހުގެ ކުރީކޮޅެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭގޮތުން އާންމުންނާ ބައްދަލުކޮށް ހިޔާލުހޯދުމަށް ބާއްވާ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް ދަރުބާރުގޭގެ ހަކުރާ މާލަމުގައި ކަމަށްވެސް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގައި އުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދާނެ ރަށެއް ހަމަޖެއްސުމުގެ ވައުދު ފުއްދުމަށް އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ގާތްވެފައިވާ އިރު، މި ޕިކްނިކް އައިލެންޑަށް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ޕިކްނިކް ދެވޭވަރުވާނެ ކަމަށް މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވިއެވެ.