ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރީން ޖޭޕީން ވަކިވެ އެމްޑީޕީއަށް ވަޑައިގަތީ ޤާސިމް އިބްރާހީމް ވިދާޅުވެގެން ކަމަށް އޭނާ ރޭ ވިދާޅުވުމާ ގުޅިގެން، ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ޤާސިމް އިބްރާހީމް އަށް ސުވާލެއް ކުރިމަތިކުރުވައިފި އެވެ.
އަލްހާން ފަހުމީ ޖޭޕީން ވަކިވެ، އެމްޑީޕީއަށް ވަޑައިގަތީ ޤާސިމް ވިދާޅުވެގެން ކަމަށް އަލްހާން އަލުން ޖޭޕީއަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް އެހެން ވިދާޅުވުމަ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ގާސިމް އަށް އަމާޒުވެފަ އެވެ. އެގޮތުން އަލްހާން އެމްޑީޕީ ތެރެއަށް ފޮނުއްވީ ގާސިމް ކޮން ނިޔަތެއްގައިތޯ ނޫނީ ކޮން މަގުސަދެއް ހާސިލުކުރަންތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
"އެއީ ކޮން ރޭވުމެއްގައި މަނިކުފާނު ކުރެއްވި ކަމެއްތޯ؟" ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ނަސީމްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.