މިނިސްޓަރު އަހުމަދު މަޙުލޫފް

ރައީސް ޔާމީން ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބޭނުންވޭތޯ ބެލުމަށް މަހުލޫފު އާންމުންގެ ހިޔާލު ހޯދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބޭނުންވޭތޯ ބެލުމަށް އާންމުންގެ ހިޔާލު ހޯދަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ހުޅުވާލައިފިއެވެ.

ރައީސް ޔާމީން ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބެލުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މަހުލޫފުގެ ޓުވިޓާ އެކައުންޓުން ހުޅުވާލި ޕޯލެއް މެދުވެރިކޮށެވެ.

މަހުލޫފު ޕޯލެއް ހުޅުވާލާފައިމިވަނީ ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައިވަނިކޮށެވެ. ހައިލަމް ރޭ ނެރެއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.

ޖޭއެސްސީން ބަލަމުން އަންނަ ހައިލަމްގެ ސުލޫކީ މައްސަލައަކާ ގުޅިގެން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި އެ ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައަކީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައެވެ.

ޖޭއެސްސީން އެ މައްސަލަ ބަލަން ފެށުމުން ހައިލަމް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ އެ ފޮޓޯ ވައިބާ ގުރޫޕަށް ލެއްވިއިރު އެ ފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މެސެޖުގައި ހުރި ކުރެހުމާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ހައިލަމް ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ބަލައި ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ހައިލަމަށް ފައިސާތަކެއް ލިބުނު މައްސަލައެއް ޖޭއެސްސީން ބަލަން ފެށިއެވެ. އެކަމާ ގުޅޭގޮތުން ހައިލަމް ވިދާޅުވެފައިވަނީ އަލްހާނާއި އޭނާއާ ދެމެދު މެއި 19، 2019 ގައި ހިނގައިދިޔަ ފައިސާގެ މުއާމަލާތާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެފަދަ މައުލޫމާތެއް ފުލުހަށް ހުށަހެޅި އެކަން ހިނގައިދިޔަ ގޮތާ މެދު ސުވާލުކުރި ކަމަށެވެ. އެގޮތުން އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ކިޔައިދީފައިވާނެ ކަމަށާއި އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ނުބަލަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާނާއި ހައިލަމްއާ ދެމެދު ހިނގި ފައިސާގެ މުއާމަލާތާ ގުޅޭ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ހައިލަމް އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.