އެމްޕީއެލް

މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އޮޅުވާލައިގެން ފީތަކެއް ނަގަނީ

މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ދައްކަން ޖެހޭ ފީތަކެއް ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މުދާ އެތެރެކުރާ މީހުންގެ އަތުން އެޖެންޓުންނާއި ފްރެއިޓް ފާވޯޑްސް އަދި ބްރޯކަރުން އޮޅުވާލައިގެން ފައިސާ ނަގަމުންދަނީ އޭޕީސީއާރް އާއި ޕޯޓް ކޮންޖެކްޝަން ޗާޖާއި ޑީސީއެޗްޓީ އަދި އިކުޕްމަންޓް އިންބެލެންސް ޗާޖް ފަދަ ނަންނަމުގައި ކަމަށެވެ.

"ދިވެހިރާއްޖެއަށް ކަނޑުމަގުން މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ފްރެއިޓް ފޯވަޑާސް އަދި ބްރޯކަރުން، އެމްޕީއެލްއަށް ދައްކަންޖެހޭ ފީތަކެއްގެ ގޮތުގައި ދޭހަވާގޮތަށް ތަފާތު ނަންނަމުގައި ފީތައް ނަގަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން އޭޕީސީއާރް، ޕޯޓް ކޮންޖެކްޝަން ޗާޖް، ޑީސީއެޗްޓީ އަދި އިކުއިޕްމަންޓް އިމްބެލެންސް ޗާޖް ފަދަ ނަންނަމުގައި ފީތައް ނަގަމުންދެއެވެ. މި މައްސަލައިގައި މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ ނުހަނު ގިނަ ޝަކުވާ މި ކުންފުންޏަށް ލިބެމުން ދާތީ ދަންނަވަމެވެ..،" އެމްޕީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނީ މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން އެ ކުންފުނިން ނެގުމަށް ހަމަޖެހިފައިވާ ފީތަކާއި އެހެނިހެން ހިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތައް އެ ކުންފުނީގެ ޓެރިފްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މިހާރު މާލޭ ކޮމާޝަލް ހާބަރުން ބޯޓު ފަހަރަށް ދެމުން އަންނަ ހިދުމަތާއި މުދާ ދޫކުރުމުގެ ހިދުމަތް އެކަށީވެގެންވާ މިންވަރަށް އަވަސްކުރެވިފައިވާ ކަމަށާއި އެހެންކަމުން ބޯޓު ފަހަރު ލަސްވުމާ ގުޅިގެން އިތުރު ހަރަދުތަކެއް ހިނގާ ކަމަށް ބުނެ ފީތަކެއް ނެގިގެން ނުވާނެ ކަމަށް ވެސް އެމްޕީއެލް އިން މައުލޫމާތުދެއެވެ.