ހުތުބާ

ބުއްދިވެރިކަމާއެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް: ހުތުބާ

ބުއްދިވެރިކަމާއެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް ކަމަށާއި ދީންވެރިކަމާ ނުލައި ލަދުވެތިކަމެއް ނެތް ކަމަށެވެ.

"ބުއްދުވެރިކަމާ ނުލައި ދީންވެރިކަމެއް ނެތެވެ. ދީންވެރިކަމާ ނުލައި ލަދުވެތިކަމެއް ނެތެވެ. މިއީ އިންސާނާގެ ދުނިޔެއާއި އާހިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެވެ. ބުއްދިވެރިކަމާއެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ އެމީހާގެ މައްޗަށް ހުރި ވަބާއެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ނުވަތަ މި ޒަމާނުގެ ސައިންސުގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި ޝަރީއަތުގެ ބައެއް ހުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫން ކަމަށެވެ. މިގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ގަބޫލުކޮށް، އަމަލުކުރަން ޖެހޭ ކަންކަން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާއެވެ. އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑިއެވެ. ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެއެވެ. އެއީ އޭނާ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފުސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިޣުފާރުކޮށް މުނާޖާ ދެންނެވުމަށް ހާދަކުރާ ވަގުތާއި، އޭނާގެ ނުފުސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއެކު ހޭދަކުރާ ވަގުތެވެ. މިކަންކަމަކީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ކަންކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ތާބިއީ ބޭކަލުންގެ އަރިހުން އައިސްފައިވާ ގޮތުގައި ޝައިޠާނާއަށް އެންމެ އުނދަގޫ ކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުން ކަމަށާއި ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށްވުރެ، ސަތޭކަ ޖާހިލުންގެ މަގުފުރެއްދުން ޝައިޠާނާއަށް ފަސޭހަވެގެންވާ ކަމަށެވެ.