މިނިސްޓަރ ޔުމްނާ މައުމޫން

ޔާމީންގެ އަނިޔާވެރިކަން އިއްޔެވީ ކަމެއްހެން ތާޒާކަން މަތީ އަދިވެސް ހަނދާން އެބަހުރި: ޔުމްނާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނިޔާވެރިކަން އިއްޔެވީ ކަމެއްހެން ތާޒާކަން މަތީ އަދިވެސް ހަނދާން އެބަހުރި ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މުއައްސިސް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރްއެމް އުފެއްދުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔުމްނާ ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބާއި 2014ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީއަށްފަހު ފެނިގެންދިޔައީ ޕީޕީއެމްގެ އަމާޒު ބަދަލުވެ، ގައުމާއި ރައްޔިތުންގެ މަސްލަހަތާ ދެކޮޅަށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށި މަންޒަރު ކަމަށެވެ. އަދި ޕާޓީގައި ހުންނަވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފާޅުގައި އެކަމާ ދެކޮޅު ހައްދަވަމުން ގެންދެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޕާޓީގެ ތެރޭގައި ހުންނަވައިގެން އެކަންކަމާ ރައީސް މައުމޫން ސީދާ ދެކޮޅު ހެއްދެވި. އަދި އެމްއާރުއެމްގެ އެއް އިސް މޭސްތިރިކަމުގައިވާ ދިއްގަރު ދާއިރާގެ އޭރުގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަންކަމާ ސީދާ ދެކޮޅު ހައްދަވައި، އެކަންކަމާ ދެކޮޅަށް ތެދުވެވަޑައިގެންފައި. އެނގިވަޑައިގަންނަވާނޭ ފަދައިން މިކަމުގެ ނަތީޖާއަކަށްވީ ޕީޕީއެމްގެ ހިންގުމާ ގުޅޭ މައްސަލައެއްގައި ކޯޓު މެދުވެރިކޮށް ރައީސް މައުމޫންގެ އަތްޕުޅުން ޕާޓީ ނިގުޅައިގަތުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި އަމަލުތަކަށް ފަސްޖެހުމެއް ނެތި ރައީސް މައުމާނާއި ފާރިސް މައުމޫން އަދި ހަމައާއި އިންސާފު ގަބޫލުކޮށް ރައީސް މައުމޫންގެ ސިޔާސަތަށް ތާއީދުކުރައްވާ އެތައް ފަރާތަކުން މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރި ކަމަށާއި އެ މަސައްކަތުގައި ރައީސް މައުމޫނާއި ފާރިސް މައުމޫނާއި މުހައްމަދު ނަދީމާއި އެ މަސައްކަތަށް ތާއީދުކުރި އެތައް ބަޔަކު ޖަލަށްލައި، އެތައް އަނިޔާތައް ތަހައްމަލުކުރަން މަޖުބޫރުކުރުވި ކަމަށެވެ.

"އޭރު މާފުށީ ޖަލުގައި ބަލި ހާލަތުގައި ހުންނަވައިގެން ވެސް ރައީސް މައުމޫން ވިދާޅުވަމުން ގެންދެވީ ކެތްތެރިވާށޭ، ހިތްވަރުކުރާށޭ. އަޅުގަނޑުމެން ކެތްކުރިން، އަޅުގަނޑުމެން ހިތްވަރުކުރިން، އަޅުގަނޑުމެން އިސްލާހީ މަސައްކަތް ހުއްޓައެއް ނުލަން. ކަޅު ފޮއްޓެއްގެ ބަހަނާ ދައްކައި، ތުއްތު ކުއްޖަކާއި މަޔަކާ ދުރުކުރި ހަނދާން އިއްޔެވީ ކަމެއްހެން މިއަދުވެސް ހަނދާން އެބަހުރި. އެއްވެސް ހައްގަކާ ނުލައި އަޅުގަނޑުގެ ބައްޕަ، ކޮއްކޮ އަދި ފިރިމީހާ ޖަލުގައި ގެންގުޅުނު ހަނދާންތައް ވެސް ތާޒާކަން މަތީ އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ އޭރު ރައީސް މައުމޫނާއި ފާރިސް މައުމޫނާއި އިސްލާހަށް މަސައްކަތްކުރި އެތައް ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ސިޔާސީ މައިދާނުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މިއަދު މިދެކޭ ހަތަރު ލީޑަރުންގެ ކޯލިޝަން ސަރުކާރު ކަމަށާއި އޭރު ގައުމު އިސްކުރައްވައި، ސިޔާސީ ވާދަވެރިކަން ދޫކުރައްވައި، ރައީސް މައުމޫން ސިޔާސީ ވާދަވެރިންނާއެކު މަސައްކަތް ފެއްޓެވީ އިސްލާހަށް ކަމަށެވެ.

ރޭ ބޭއްވި ޖަލްސާގައި އެމްއާރުއެމްގެ އިންތިހާބީ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ރައީސް މައުމޫނެވެ.