ޕޮލިސް

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި، ފުލުހުންގެ އިހުމާލުން ދޫވި ކޯޗު އަލުން ހައްޔަރުކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި، ފުލުހުންގެ އިހުމާލުން ދޫވި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން އަލުން ހައްޔަރުކޮށްފައެވެ.

ސައުތު އެފްކާ ރައްޔިތެއް ކަމަށްވާ އާސިފް، 46، ފުލުހުން ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައެވެ.

އޭރު ހައްޔަރުކުރި ނަމަވެސް ފުލުހުންގެ އިހުމާލުން އޭނާ ދޫވިއެވެ. އޭރު ފުލުހުން ބުނެފައިވަނީ ބަންދުގެ މުއްދަތު ޖަހަން މިއަދު މެންދުރު ކޯޓަށް ހާޒިރުކުރި އިރު، އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އާސިފް ދޫވި ނަމަވެސް، އޭރު އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވެއެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ ހައި ކޯޓުގެ އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސްކޫލުތަކުގެ އަންހެން ކްރިކެޓް ކުޅުންތެރިންގެ ޓްރެއިނިންތަކުގައި ބައިވެރިވާ އަންހެން ކުދިންނަށް އާސިފް ޖިންސީ ފުރައްސާރަކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ކޮށްފައިވެއެވެ.