ވިޔަފާރި

ލަންކާގެ މަޝްހޫރު "އިއްސޯ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

ސްރީ ލަންކާގައި މަޝްހޫރު ޑިނގާ ރެސްޓޯރެންޓެއް ކަމަށްވާ "އިއްސޯ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

ގަލޮޅު ސޯސަންމާޓް ކުރިމަތީ ހުންނަ ގ. ސެފްރޯންގައި ހުޅުވި އެ ރެސްޓޯރެންޓް ހުޅުއްވައިދެއްވީ މިދިޔަ ބުދަ ދުވަހު އެ ރެސްޓޯރެންޓުގައި އޮތް ހަފްލާއެއްގައި، ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

އިއްސޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސީމް ''ވަން އޮންލައިން'' އަށް ވިދާޅުވީ، އެ ރެސްޓޯރެންޓަކީ މޫދުކާނާ އަދި ހާއްސަކޮށް ޑިނގާއަށް ހާއްސަ ރެސްޓޯރެންޓެއް ކަމަށެވެ.

އެގޮތުން އިއްސޯ މާލޭ އައުޓްލެޓުން ވެސް ތާޒާ ޑިނގާގައި ތައްޔާރުކުރާ ތަފާތު ކެއުންތައް ލިބެން ހުރުމުގެ އިތުރުން ލަންކާ، ސިންގަޕޫރު އަދި ތައިލެންޑުގެ ކެއުންތައް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްސޯ ރެސްޓޯރެންޓަކީ ލަންކާގެ އިއްސޯ ރެސްޓޯރެންޓްސް ލިމިޓެޑުން 2016 ވަނަ އަހަރު ވުޖޫދު ކުރި ކޮލަމްބޯގެ ފުރަތަމަ ކުއިކް ސާވިސް ރެސްޓޯރެންޓް ފުރެންޗައިސް އެވެ.

އެގޮތުން އިއްސޯ ރެސްޓޯރެންޓް ފާހަގަކުރެވިފައިވަނީ އެންމެ ތާޒާ އަދި އެންމެ ފެންވަރު ރަނގަޅު އެއްޗެހި ބޭނުންކޮށްގެން، މިއަދާ ހަމައަށް ވެސް ކޮލިޓީ އާއި ކެއުންތަކުގެ ފެންވަރަށް ހާއްސަ އިސްކަމެއްދޭ ރެސްޓޯރެންޓެއްގެ ގޮތުގައެވެ.