ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފިއެވެ.
މިއަދު މެންދުރުފަހު ކުރެއްވި މި ޒިޔާރަތުގައި އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ ސީޕްލޭން ޓަމިނަލްގެ މަސައްކަތާއި ސީޕްލޭން މެއިންޓެނަންސް ރޭމްޕް އަދި އެއާޕޯޓުގެ އާ ޕަސެންޖަރު ޓާމިނަލާއި އާ އޭޕްރަން ރައީސް ޒިޔާރަތްކުރެއްވިއެވެ އަދި އާ ކާގޯ އޭރިއާއަށް ޒިޔާރަތް ކުރައްވާ އެތަނުގައި މަސައްކަތް ކުރިއަށްދާގޮތް ވެސް ރައީސް ބައްލަވާލެއްވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގަމުންދަނީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ އަގުހުރި މަޝްރޫއެކެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް އަޅާފައިވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މުހިއްމު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދިޔަ ވީއައިއޭގެ އާ ޓާމިނަލު ތަރައްގީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ލޯނު ހަމަޖައްސައިދިނީ ސައޫދީ ފަންޑާއި އާއި އަބޫދާބީ ފަންޑު އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ. އެ މަސައްކަތް ކުރަމުންދަނީ ސައުދީ އަރަބިއްޔާގެ އެންމެ ވަރުގަދަ އެއް ކުންފުނި، ބިން ލާދިން ގުރޫޕެވެ.
އެމްއޭސީއެލުން ކުރިން ބުނެފައިވާ ގޮތުން، އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް، 78،000 އަކަމީޓަރުގެ ބިމެއް ހަދާ އާ ޓަމިނަލްގައި 40 ގޭޓް ބަހައްޓައި 36 އިމިގްރޭޝަން ކައުންޓަރު ގާއިމު ކުރާނެއެވެ. އަދި ހަ އެއިރޯ ބްރިޖް ވެސް ހުންނާނެއެވެ.
އާ ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމުމަށް މިހާރު ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ.