ކުއްލި ޚަބަރު

ޔާމީން ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް ބަޔަކު އެދުނު: ހައިލަމް

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޔާމީނަށް ހުކުމް ކުރަން އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކޮށްފައިވާ ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

ހައިލަމް ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.

"ސަރުކާރުގެ ވަރަށް އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ، ޖޭއެސްސީން މިހާރު ބަލަން ފަށާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާއާ ދެމެދު މެއި 19، 2019 ގައި ހިނގާދިޔަ ފައިސާގެ މުއާމަލާތާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެފަދަ މައުލޫމާތެއް ފުލުހަށް ހުށަހެޅި އެކަން ހިނގައިދިޔަ ގޮތާމެދު ސުވާލުކުރި ކަމަށެވެ.

އެގޮތުން އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ކިޔައިދީފައިވާނެ ކަމަށާއި އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ނުބަލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ހައިލަމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

"މި ނުފޫޒު މިގޮތަށް ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީއަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެއެވެ. އަދި ސަސްޕެންޑުވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެއެވެ. ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައިހުރި ފަރާތަކަށް ވިޔަސް މެއެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.