މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓަކްޗާ އިން އެމްޓީސީސީއާ ހަވާލު ކުރި ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޮބިލައިޒްކޮށްފިއެވެ.
މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 48 މިލިއަން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ އާއެކު އެމްޓީސީސީން ސޮއިކޮށްފައިވަނީ މިއަހަރު ޖުލައި މަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން ފުޅަދޫ ބަނދަރު ފުން ކުރުމުގެ އިތުރުން، ބޭރު ތޮށި ލުމުގެ މަސައްކަތާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި އެތެރެ ތޮށިލުމުގެ މަސައްކަތް އަދި މޫރިން ބްލޮކްސްލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ފުޅަދޫ ބަނދަރު 54،861 ކިއުބިކް މީޓަރަށް ހިއްކާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެރަށުގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވަނީ 108 މީޓަރަށް ކަމަށާއި ރިވެޓްމަންޓް ޖެހުމަށް ހަމަޖައްސާފައިވަނީ 302 މީޓަރުގެ ސަރަހައްްދެއްގައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި އެތެރެ ތޮށި ލުމަށް ހަމަޖައްސާފައިވަނީ 223 މީޓަރަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަސައްކަތްތަކުގެ އިތުރުންވެސް އެރަށު ބަނދަރު ބައްތި ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ރޭމްޕެއް ލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 390 ދުވަސް ތެރޭ ނިންމުމަށެވެ.